ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ ޤައުމެއްގެ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އިބްރޭ ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ މި ދަނޑިވަޅަށް ބަލާއިރު، ވަރަށް މުހިން އިސްލާޙެއް ކަމަށް ދެކިވަޑައި ގަންނަވާ ކަަމަށެވެ. އަދި މި ސަރުކާރުން ވަރަށް ކާމިޔާބުކަމާއިއެކު މިނިމަމް ވޭޖް ތަޢާރަފުކޮށްފައިވާ ކަމަށާއި، ވިޔަފާރިވެރިން އެކަން ބަލައިގަތީ ވަރަށް ހިނިތުންވުމާއި ހަމަޖެހުމާއެކުގައި ކަމަށެވެ.

އެބަދަލާއެކު ވިޔަފާރިވެރިންގެ ފަރާތުން މައްސަލަތަކެއް އަދި ނުފެންނަކަމަށާއި، އެހެންނަމަވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ ޤައުމެއްގެ އިޤުތިޞާދުގެ އެއް އިންޖީނު. މުހިންމު އެއް އިންޖީނު. އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ، އޭގެ ސަބަބުން ރައްޔިތުންގެ އާމްދަނީ އިތުރުވެ، ގިނަ ބަޔަކަށް؟ ޚާއްޞަކޮށް ރަށްރަށުގައި އުޅޭ ނުވަތަ ރާއްޖޭގެ މީހުންނަށް ވަޒީފާއަދާކުރުމުގެ ފުރުޞަތު ބޮޑު ވިޔަފާރިއެއް." އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ، އެ ވިޔަފާރީގެ ސަބަބުން ގިނަ ޢާއިލާތަކަށް ސީދާ ފައިދާކުރާ ވިޔަފާރިތަކެއް ކަމަށެވެ. އެހެންކަމުން ޤައުމެއްގެ އިޤުތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

"ޙަޤީޤަތުގައި ކޯވިޑުގެ މި ނުރައްކާތެރި ހާލަތުގައި ވެސް އަޅުގަނޑުމެން އަރައިގަނެގެން އަޅުގަނޑުމެން ހަމަޖެހުމުގައި އަޅުގަނޑުމެންނަށް މި އުޅެވެނީ ޙަޤީޤަތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ސަރުކާރުން ދެއްވި ސަމާލުކަމުގެ ސަބަބުން." އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، ކޯވިޑްގެ ހާލަތުގެ ސަބަބުން ދިވެހި ގިނަ ބޮޑެތި ކުންފުނިތައް ވަނީ އިނދަޖެހިފައި ކަމަށެވެ. އަދި ޙަޤީޤަތުގައި ދިވެހި އިޤުތިޞާދު މިއަދު ހިފަހައްޓަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް، ޚާއްޞަކޮށް އަޅުގަނޑުމެން އުފެއްދުންތެރިކަމަށް އަޅުގަނޑުމެން އިސްކަންދޭން އެބަ ޖެހޭ. ރަށްރަށުގައި، މިސާލަކަށް ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި، އަދި އެހެނިހެން މަސައްކަތްތެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް އަޅުގަނޑުމެން އިސްކަންދެވިގެން ނޫނިއްޔާ ޙަޤީޤަތުގައި ޤައުމުގެ އިޤުތިޞާދު ރަނގަޅުވެ، ބޭރަށް ބަރޯސާވާ މިންވަރު ކުޑައެއް ނުކުރެވޭނެ" އިބްރޭ ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ނޫނީ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވެ، އިންފްލޭޝަން ދަށް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ސަބަބުތަކަށް ޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، މިހާރު ވެސް ސަރުކާރުން ދަނީ އެ ކަން ވަރަށް ކައިރިންބަލައި، މަސައްކަތްތަކެއް ކުރަމުންކަމަށް އިބްރޭ ވަނީ ވިދާޅުވެފައެވެ.