ކުޅުދުއްފުށީ ސިޓީއާއި، ހއ. އަތޮޅުގެ ތިން ރަށެއް ހިމެނޭހެން 15 ރަށަކަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރުން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
މިފަހަރު ރަށްތަކަށް ފޮނުވަން ތައްޔާރުވަމުން ދަނީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ. މި އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
މީގެ ކުރިން ދެ ބުރެއްގައި 40 އެމްބިއުލާންސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ 20 އެމްބިއުލެންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗްގެ 20 ގެނެސްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ކުޅުދުއްފުށީ ސިޓީގެ އިތުރުން މިފަހަރު އެމްބިއުލާންސް ފޮނުވާ ބޮޑުތިލަދުންމަތީގެ ހއ. އަތޮޅުގެ ތިން ރަށަކީ، ހއ. ތުރާކުނާއި، ވަށަފަރާއި އަދި ބާރަށެވެ.
މިފަހަރު އެމްބިއުލާންސް ފޮނުވާ އިތުރު ރަށްތައް:
- ޅ. ކުރެންދޫ،
- ކ. ކާށިދޫ
- އއ. ފެރިދޫ
- މ. މުލައް
- ދ. މީދޫ، ދ. މާއެނބޫދޫ
- ލ. މާބައިދޫ، ލ. ގަން
- ގއ. މާމެންދޫ، ގދ. ވާދޫ
މިއީ ރަށްރަށުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!