ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މި މެޗު ޓީމް ހަނިމާދޫއާއި ވާދަކޮށް ޓީމް ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ކުޅުދުއްފުށި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. އެ ޓީމުން މުޅި މެޗުގައި ވެސް މޮޅު ޑިފެންސެއް ކުރިއިރު ކައުންޓަރ އެޓޭކުގައި ލިބުނު ފުރުޞަތުތަކުގެ ބޭނުން ވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ކުޅުދުއްފުށިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10 އަބޫއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިން ކުޅުދުއްފުށި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ހަނިމާދޫ ޓީމުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 17 އަލީ އާމިރެވެ. ނަތީޖާ ހަމަހަމަ ކުރިތާ ކުޑަ އިރުކޮޅެއްތެރޭ ކުޅުދުއްފުށިން ވަނީ ދެވަނަ ލަނޑު ޖަހައި، ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ކުޅުދުއްފުށި ޓީމްގެ ޖޯޒީ ނަމްބަރު 9 އިބްރާހީމް ހަސަންއެވެ.
އެއަށްފަހު ކުޅުދުއްފުށި ޓީމުން އުފެއްދި ކައުންޓަ އެޓޭކްގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖޯޒީ ނަމްބަރު 8 އަހްމަދު މުހައްމަދެވެ. ކުޅުދުއްފުށިން ދެ ލަނޑުގެ ލީޑެއް ނެގިނަމަ ވެސް ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 17 އަލީ އާމިރު ކާމިޔާބުކުރި ލަނޑާއިއެކު ފަރަގު ކުޑަވެގެންދިޔަ އެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ހަނިމާދޫ ޓީމް ކުރިއަށް ޖެހިގެން މަސައްކަތް ކުރަމުން އައުމުގެ ތެރޭގައި ކުޅުދުއްފުށި ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ހަސަން މުޙައްމަދެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުދުއްފުށީގެ ކީޕަރު މާހީގެ މޮޅު ކުޅުން މި މެޗުގައި ވެސް އޭނާ ވަނީ ތަކުރާރު ކޮށްފައެވެ. މި މެޗުގައި ހަނިމާދޫ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް އޭނާ ވަނީ ހުއްޓުވާފައެވެ.
މި މުބާރާތް ނިމުމުން މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ޓްރޮފީއާއި މެޑަލް ހަވާލު ކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކުޅުދުއްފުށި ޓީމްގެ ޖޯޒީ ނަމްބަރު 07 އަހްމަދު ދާއޫދެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ލިބިފައި ވަނީ އޭނާއަށެވެ.
މުބާރާތުގެ އެންމެ މޮޅު އެންމެ ހަގު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނޭކުރެންދޫ ޓީމްގެ ޖޯޒީ ނަމްބަރު 23 މުހައްމަދު އަބާންއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 17 އަލީ އާމިރު، ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 07 އާސިފް ސަލީމް، ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 14 އާލިފް އިބްރާހީމް، ކުޅުދުއްފުށި ޓީމްގެ ޖޯޒީ ނަމްބަރު 10 އަބޫބަކުރު އާދަމްގެ އިތުރުން ނޮޅިވަރަންފަރު ޓީމްގެ ޖޯޒީ ނަމްބަރު 10 އަބްދުﷲ ޝަފީއު (ކޭޑީ) އެވެ.
ފޮޓޯ: ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލް
މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ކުޅުދުއްފުށި ޓީމްގެ ޖޯޒީ ނަމްބަރު 20 މާހީއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 07 އާސިފް ސަލީމްއެވެ. އޭނާ ވަނީ މުބާރާތުގައި 07 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ޓީމް ކުޅުދުއްފުށީގެ ކޯޗް ސިނާންއެވެ. މުބާރާތުގެ ބެސްޓް ޕްލޭ މޭކާއަކަށް ހޮވިފައި ވަނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 17 އަލީ އާމިރެވެ.
މިރޭގެ ފައިނަލުން މޮޅުވެ ބްލޮކް 1 ގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް ލިބުނުއިރު ބްލޮކް 1 އަދި ބްލޮކް 2 ވާދަކުރާ ޒޯން 1 ގެ ފައިނަލުގައި ކުޅުދުއްފުށި ނުކުންނަން ޖެހޭނީ ގަދަފަދަ މާފަރާ ދެކޮޅަށެވެ. މިމަހުގެ 14 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މި މެޗު އޮންނާނީ ނ. މާފަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!