ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ.

މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، އެ ސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ ފުރުޓް ފްލައިގެ މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއާއި، ގުޅުވާލައިގެން ފްރުޓް ފްލައި ކޮންޓްރޯލް ކުރުމަށްޓަކައި ދަންތުރަ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެސިޓީގެ ބައެއް ގޭގެއަށް ގޮސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

Ad
rt

ކުޅުދުއްފުށި ސިޓީގެ ގިނަ އަނބުގަސްތަކަށް މި މައްސަލަ ދިމާވާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިޕްރޮގްރާމާއި ގުޅިގެން، ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަލީ އާމިރު " ތިލަދުން" އަށް މިއަދު ވިދާޅުވީ ފުރުޓް ފްލައި ގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި މިއަދު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

އާމިރު ވިދާޅުވެފައިވާ ގޮތުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ފްރުުޓް ފްލައި ކޮންޓްރޯލް ކުރާނެ ގޮތް ކިޔާދީފައިވާނެއެވެ. އަދި މި ފްލައި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާ ބައެއް ސާމާނުވެސް މި ސެޝަންގެ ތެރެއިން ވަނީ ދައްކާލާފައެވެ.

އަނބު ތެރެއަށް ބިސް އަޅާ އާލާ ކުރާ މި ފުރުޓް ފްލައި އަކީ ވަރަށް އަވަހަށް ފެތުރިގެންދާ އެއްޗެކެވެ. އަދި އެކަމުގެ ސަބަބުން އަނބު ފީވެ ހަލާކުވެފައިވާ ގޮތަށް ފެންނަން ފަށައެވެ. އެހެންކަމުން މިކަމަށް ބޭނުންކުރާ ދަންތުރަ އަނބު މޫސުން ފެށިގެން ގޮސް ނިމެންދެން ބޭނުން ކުރަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.

ފުރުޓް ފްލައިގެ ސަބަބުން ފީވަމުންދާ އަނބެއް، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

މީގެ އިތުރުން 2016 އަހަރު ށ. ފީވަކުގައި ކުރިއަށް ގެންދިޔަ ފުރުޓް ފްލައި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް އާމިރު ވަނީ ފާހަގަ ކުރަށްވާފައެވެ.