ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ޤިރާއަތު ލެވެލް- 1 ގެ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ކޯހަކީ މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ގަލޮޅު ސްކޫލުގެ "އިގުރާ އިންސްޓިޓިއުޓް" އާއި ގުޅިގެން މަކުނުދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ.
އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނާއި އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މަކުނުދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޯހަކީ 8 ހަފްތާގެ މުއްދަތަކަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަން ނުޖެހޭނެއެވެ.
އެގޮތުން މިކޯހުގައި ބައިވެރިވެވޭނީ ގްރޭޑް 6 އަކުން މަތީގެ ޤުރުއާން ބަލައިގެން ކިޔަވަން އިނގޭ މަކުނުދޫގެ ފަރާތްތަކަށް އެކަނި ކަމަށް އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
ގޫގުލް ފޯމް މެދުވެރިކޮށް ކޯހުގައި ބައިވެރިވުމަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކޯހާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންހެނުންގެ ކޮމެޓީގެ ރައީސާ ޝިބާނާ ޢަލީ 9983890 އަށް ގުޅުއްވުމުން އިތުރު މައުލޫމާތު ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.
ކޯހުގައި ބައިވެރިވޭނީ ބައިވެރިވުމަށް ހުށައަޅާ ފޯމްގެ ތަރުތީބުންނެވެ. މިކޯސް ފުރިހަމަ ކުރާ ހުރިހާ ފަރާތްތަކަށް އެމް.ކިއު.އޭ ޤަބޫލުކުރާ ސެޓްފިކެޓް ލިބިގެންދާނެއެވެ.
މިފަދަ ކޯހެެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ މަކުނުދޫގެ ރައްޔިތުން ޤުރުއާނަށް ހޭލުންތެރިކުރުވުން ކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!