ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ އިސްވެރިން ށ. ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ މި ބައްދަލުވުމަކީ ރީޖަނަލް އެއަރޕޯޓްގެ އިސްވެރިން އެރަށުގެ އެއަރޕޯޓްގެ ކަންކަން ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެެއްގައި ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ކަމަށެވެ.

Ad
rt

އެގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ އެރަށުގެ އެއަރޕޯޓްގެ ބޭރުން ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކާއި ގުޅިގެން ކަމަށް އަހުމަދު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެއަރޕޯޓް ސަރަހައްދުގައި އެބޭފުޅުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅިގެން ކައުންސިލާއި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ފުނަދޫ ކައުންސިލުން ވިދާޅުވެފައި ވަނީ ކޮމާރޝިއަލީ އެބޭފުޅުން ބިމުގެ އެހީއަށް އެދިފައިވީ ނަމަވެސް ޤާނޫނީ ގޮތުން "ލޭންޑް ޔޫސް ޕްލޭން" ފާސްކޮށްފައި ނުވާ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭންއެއް އެކުލަވާލުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި މިމަސްތެރޭގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރާނެ ކަމަށްވެސް ފުނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި އެޕްލޭން އެކުލަވާލެވުމުން އެބޭފުޅުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މިބައްދަލުވުމުގައި ފުނަދޫ ކައުންސިލުންގެ ހުރިހާ މެމްބަރުން އަދި ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.