ހދ. މަކުނުދޫގައިއަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެރަށު ހެލްތު ސެންޓަރަށް ގެންނަންޖެހޭ ބަދަލުތަކެއް ގެންނަން ބަޔަކާ އިއްޔެ ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، މަކުނުދޫގައި އަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަކުނުދޫ ހެލްތު ސެންޓަރުގެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، އޮފީސް ރޫމް އިމާރާތެއް އެޅުމަށް އިއްޔެ ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކޭއާރުއެޗުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑްއާ އެވެ. މި މަސައްކަތްތަކަކީ 773,910ރ (ހަތް ލައްކަ ހަތްދިހަ ތިން ހާސް ނުވަ ސަތޭކަ ދިހަ ރުފިޔާ) އަށް ހަވާލުކޮށްފައިވާ މަސައްކަތްތަކެކެވެ. އަދި މި މަސައްކަތް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތަކީ 150 ދުވަހެވެ.
ހދ. މަކުނުދޫއަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ، ރައީސް ޞާލިޙް ވެވަޑައިގަންނަވާ ފައިވާ ރިޔާސީ ވަޢުދު ފުޅެކެވެ.
އެކަން ފުރިހަމަކުރުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ގެންދަވަނީ ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ.
މަކުނުދޫއަކީ ވަކިން އެހެން ރަށްތަކާއި ދުރުގައި އޮންނަ ރަށެއްކަމަށް ވުުމުން، ސިއްޙީ ޚިދުމަތްފަދަ ޒަރޫރީ ބޭނުންތަކަށް އެހެން ރަށްތަކަށް ދަތުރު ކުރަން ޖެހުމުން، އެރަށުގެ ރައްޔިތުން މިހާރު އުފުލަމުން ދަނީ ވަރަށް ބޮޑު ތަކުލީފެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!