ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ.
އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ މިމަހުގެ 13 އިން ފެށިގެން އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 13 ފެބުރުވަރީ 2022 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/254,000ރ (ދެލައްކަ ފަންސާސް ހަތަރުހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ މާރޗް މަހުގެ 3 ވަނަ ދުވަހުގެ 11:00 ގައި އެމިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!