ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 12 ކުލާސް ރޫމުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތާއި ގުޅިގެން 07 ފެބްރުއަރީ 2022 ގައި ފިނޭންސްމިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ޝަރުތުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާއިރު، ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސް ސޭތަކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، ބިޑްސެކިޔުރިޓީގެ ގޮތުގައި -/30,000ރ (ތިރީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ބިޑާއިއެކު ނޮން ރިފަންޑަބަލް ގޮތުގައި ދައްކަންޖެހޭ 500 ރުފިޔާ 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައްކަވަން ޖެހެއެވެ.

އެ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 9 ފެބުރުވަރީ 2022 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި ބީޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މި މަސައްކަތާއިގުޅޭ ޕްރީބިޑް ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި، މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 03 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.