ހއ. އިހަވަންދޫން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް "ތިލަދުން" އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދު ކަމަށެވެ.
ފަހުދަކީ އިހަވަންދޫ ފެނަކަ ބްރާންޗްގެ މުވައްޒަފެކެވެ. އޭނާ ގެއިން ނުކުތީ މޫދަށް ދަނީކަމަށް ބުނެ ހަވީރު 16:30 ހާއިރުއެވެ.
"އޭނާ އެ ގުޅި މީހަކަށް ގުޅާފަ ދެން ވަޒީފާއަށް ވެސް ނުދާނެ ކަމަށް ބުނިކަމަށް ވަނީ، ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއްގައި ހުރިކަން އެނގިފަ ވަނީ" ޞަބާޙް ވިދާޅުވިއެވެ.
ޞަބާޙް ވިދާޅުވީ، ގެއްލިގެން ހޯދާ ފަހުދުގެ ޚަބަރެއް ނުވެގެން ޢާއިލާއިން އެކަން އެންގުމުން މިރޭ 10:30 ހާއިރުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ރައްޔިތުން ނުކުމެ ކުރަމުން އަންނަކަމަށެވެ.
"އިރުކޮޅަކުން ސިފައިންގެ އެހީތެރިކަމަށް ވެސް އަޅުގަނޑުމެން އެެދޭނަން" އަމަލީ ގޮތުން އެމަސައްކަތުގައި ބައިވެރިވެ، ފަހުދު ހޯދުމުގެ މަސައްކަތުގައި އުޅުއްވަމުން ޞަބާޙް ވިދާޅުވިއެވެ.
ފަހުދު ހޯދުމުގައި މުޅި އެރަށުގެ ރައްޔިތުންހެން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޭނާ ހޯދުމަށް ރަށުގެ ގޮނޑުދޮށް ހިމެނޭހެން ބޮޑު ސަރަހައްދެއް މިހާރު ވަނީ ބަލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!