އަވަށްޓެރި ސްރީލަންކާގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނުނުކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައި އޮއްވާ ފެނިފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އަދި މިކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

Ad
rt

ލަންކާގައި ގެއްލިގެން ހޯދަމުން ދަނީ ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރު ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އޭނާ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުން އަންނަ ޒުވާނެކެވެ.

އޭނާ ހޯދަމުން ދަނިކޮށް އެ ގައުމުގެ ވެއްލަވައްތަ ބީޗު ސަރަހައްދުގައި މަރާލާފައި އޮއްވާ ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ލަންކާ ފުލުހުންނާއި ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާއިރު، އެ ތަނުން އެކަކީ ގެއްލިގެން ހޯދާ ދިވެހި މީހާ ކަމަށް، އަފްހާމް ދަންނަ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފަ ވެއެވެ.

ނަމަވެސް އެއީ އަފްހާމް ކަމެއް ދިވެހި ފުލުހުން ވެސް އަދި ކަށަވަރުކޮށެއް ނުދެއެވެ.