ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އެއްވަނައަށް އުމްރާ ދަތުރެއް ލިބޭ ޤުރުއާން މުބާރާތެއް އިޢުލާންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 އަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅެމުންދާ އެންމެހާ ފަރާތަކަށް ހުޅުވާލެވިފައި ވީ ނަމަވެސް އެ ކުލަބުން ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭނޭ ޝަރުތުތަކެއް ކަނޑައަޅާފައެވެ. މިގޮތުން މި މުބާރާތުގައި ބައވެރި ކުރުމަށް ހަމަޖެހިފައި ވަނީ 01 ޖަނަވަރީ 2022 އަށް އުމުރުން 8 އަހަރު ވެފައިވާ ފަރާތްތަކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާނަމަ މުޝްހަފުލް މަދީނާ ރަނގަޅަށް ބަލައިގެން ކިޔަން އެނގެން ޖެހެއެވެ. ޤުރުއާނުގެ އެންމެ ފަހު ދެ ފޮތް (އަންމާ ފޮތާއި ތަބާރަ ފޮތް) ހިތުން އެނގެންޖެހެއެވެ. މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ރައްޔިތުންގެ އިތުރުން ދިއްދޫގައި ދިރިއުޅެމުންދާ ފަރާތްތަކެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ އާބާދީގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތަޖުވީދު ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމާއި، ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމާއި، ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރަށް ވީ ހިނދު އެ މައްސަރުގައި ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރުމުގެ އިތުރުން އެ ރަށުގައި ހާފިޟުން އުފެއްދުމާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލުކުރާނެ ދަރިން ތައްޔާރު ކުރުމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 20 ބައިވެރިންނަށެވެ. މި އަދަދަށްވުރެ ގިނަ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅައިފިނަމަ މުބާރާތަށް 20 ބައިވެރިން ހޮވުމަށް ހަމަޖެހިފައި ވަނީ ބައިވެރިންގެ މެދުގައި އޮޑިޝަން ބާއްވައިގެންނެވެ. އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 އިން 26 ގެ ނިޔަލަށެވެ.

މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން މިޑްލް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވެފައި ވަނީ ފާއިތުވި ތަނުގައި ވެސް މިޑްލސް ސްޕޯޓްސްއިން އެ ރަށަށް ހުޅުވާލައިގެން ޤުރުއާން މުބާރާތް ބާއްވަމުން އަންނަ ކަމަށެވެ. ނަމަވެސް މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ " ދިއްދޫގެ އެންމެ އަލިގަދަ ތަރި" މުބާރާތަކީ ފާއިތު އަހަރުތަކުގައި ބޭއްވި މުބާރާތްތަކާއި ވަރަށް ތަފާތު މުބާރާތެއް ކަމަށެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށެވެ.

މި މުބާރާތުގެ އޮޑިޝަނަށް ފަހު މުބާރާތަށް ހޮވޭ 20 ފަރާތަށް މުބާރާތުގައި އަންނާނެ ތަޖުވީދުގެ ބައިތަކާއި ޤުރުއާނުގެ ޢިލްމުގެ ބައިތަށް ދަސްކުރަން ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ލިބޭނީ ފުރަތަމަ ބުރުން އެނެމް މަތިން މާކްސް ހޯދާ 10 ފަރާތަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ތަރުޖަމާ ކިޔުމާއި ދިގުރާގަށް ކިޔެވުންފަދަ ބައިތައް ހިމެނޭއިރު، ދެވަނަ ބުރަށް ދަތުރުކުރާ ފަރާތްތަކަށް އެބައިތަކުން އިތުރު ތަމްރީންތައް ދިނުމަސް ވެސް ވަނީ ހަމަޖެހިފައެވެ.

ނަޝްވާން އިތުރަށް ވިދާޅުވެފައި ވަނީ މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ރާއްޖޭގެ މަތީ ފަންތީގެ މުބާރާތްތަކުގައި ވެސް ފަނޑިޔާރުކަން ކުރަމުން އަންނަ ޤާރީވެރިން ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 21:00 ކުރިން "ހއ. ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯރމް" ފުރުއްވުމަށްފަހު މިޑުލް ސްޕޯރޓްސް ކުލަބުގެ އިދާރާއަށް ހުށަހެޅުއްވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އެ ކުލަބުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ކުލަބްގެ ހޮޓަލައިން ނަމަބްރ 7656766 އަށް ގުޅުއްވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ.

މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައެވެ. މުބާރާތް ކުރިއަށްދާ ވަގުތު ބައިވެރިންގެ ކިޔެވުން އަޑުއަހަން ވަންނަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތް އެ ކުލަބުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.