އެއްމެ އެއްޗެއްފިޔަވައި ހުރިހާ އެއްޗެއް ދީފިން، އެކަމަކު މިސަރުކާރަށް ކުރެވުނު އެއްވެސްކަމެއްނެތް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެ ކޯލިޝަންގެ މަލޭ ޖަގަހާގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވަނީ އޭނާގެ އާދައިގެ މަތިން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިއަދަކީ ޖެނުއަރީ 30 ކަމަށާއި، މާދަމާއަކީ 31 ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރަށް ގިނައިން ދެއްކި ވާހަކައެއް، ޚާއްޞަކޮށް އެމްޑީޕީން ދެއްކި ވާހަކައެއް އޮންނަކަމަށާއި، އެއީ މިނިމަމްވޭޖެއްގެ ވާހަކަ ނުވަތަ ބޮޑު މުސާރައެއްގެ ވާހަކަ ކަމަށް ލަތީފް ވިދާޅުވިއެވެ.
"މާދަމާއަކީ ރާއްޖޭގަ ވަޒީފާ އަދާކުރާ މީހުންނަށް މުސާރަ ބޮޑުވާ ދުވަސް، މުސާރަ ބޮޑުވެއްޖެ އިނގޭތޯ، ބޮޑުވިއިރު، ފަޓްލޫނާ، މުންޑާ، ގަމީހާ ހުރިހާއެއް ބޮޑުކުރަން މިޖެހުނީ، އެކަމަކު މުސާރަލިބިގެން ކަރުދާސްއަތަށް ލިބުނުއިރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް އިތުރެއްނުވި، ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް، ވަޒީފާ އަދާކުރާ މީހުންނަށް ލިބުނު އެއްޗެއް ނެތް، މަތިން ބޮޑުވިއްޔާ ބޮޑުވީ، ތިރިން ބޮޑުވިއްޔާ ބޮޑުވީ، ބޮޑުވިގޮތަކަށް ބޮޑުވީ، އެކަމަކު ރައްޔިތުންނަށް ލިބުނު އެއްޗެއްނެތް،" ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއީ މުސާރަ ބޮޑުކުރާ ގޮތެއްނޫން ކަމަށާއި، މިއީ ޖަޒީރާ ރާއްޖޭގަ މުސާރަ ބޮޑުކުރާގޮތް ކަމަށެވެ.
"ސަރުކާރަށް ނުދެނީ ކޯއްޗެއްތޯ، ރައްޔިތުން މަޖިލިސްދީފި، ރައީސުލްޖުމްހޫރިއްޔާ ދީފި، އުއްތަމަ ފަނޑިޔާރުކަން ދީފި، ފޮރިން މިނިސްޓަރުކަން ވެސް ފިނޭންސް މިނިސްޓަރުކަން ވެސް ދީފި، ހެލްތު މިނިސްޓަރުކަން ވެސް ދީފިން، އަޅުގަނޑުމެން ހުރިހާއެއްޗެއް މިސަރުކާރަށް، ދެނީދެނީދެނީ، ކޯއްޗެއްތޯ ނުދީ އޮތީ، ހިތުގެ މެޔާ ލަގޮނޑި ނަގާފަ ދީފިން، ދެން ނުދީ އޮތީ އެއްމެ އެއްޗެއް، ހުރިހާއެއްޗެއްދީފިން، އެކަމަކު މި ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއްނެތް" ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 65 ގޮނޑިވެސް ސަރުކާރަށް ދެވިއްޖެކަމަށާއި، ނަމަވެސް ވީހަމަ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި ފެބްރުއަރީ 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމާއި، ޕީއެންސީއާއި، ރައީސް ޔާމީނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކާއި އަދި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުން ވޯޓު ޕީޕީއެމް ކެންޑިޑޭޓް ފަތުހީއަށް ދިނުމަކީ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތުގައި އެ ކޯލިޝަންގެ ލަސްކަރުތައް ރެޔާ ދުވާލު ދަނީ މަަސައްކަތް ކުރަމުން، ކަމަށާއި، ބޮޑުތަކުން ފަތުހީ ގޮނޑި ނަގާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
18 ވަނަ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ލަޠީފް ވަނީ އެ ދައުރުގައި ފަހުން ޕީޕީއެމާއި ގުޅި ގެންފައެވެ. ލަޠީފަކީ ކުރީގެ ސަރުކާރުގައި ރައީސް ޔާމީންގެ ''ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެއްޖެ'' ކަމަށްބުނެ، ޔާމީނާއި ދެކޮޅަށް ފަހުން މަސައްކަތް ކުރެއްވި މެންބަރެކެވެ. އެ ވެރިކަމުގައި ހިނގަމުންދިޔަ ނާއިންސާފާއި ދެކޮޅަށް ކަމަށް ބުނެ އޭރުގެ އިދިކޮޅު ހަރަކާތާއި ގުޅުމުން ގޮނޑި ގެއްލުނު މަޝްހޫރު ބާރަ މެންބަރުން ތެރޭގައި ވެސް ލަޠީފް ހިމެނި ވަޑައިގަންނަވައެވެ. މިސަރުކާރު އައިސް ފުރަތަމަ އަހަރު ނުނިމެނީސް ލަތީފް ވަނީ އަނބުރާ ޕީޕީއެމާ ގުޅިވަޑައިގެން އިދިކޮޅު ހަރަކާތުގައި މަސައްކަތް ފައްޓަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!