ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފިއެވެ.
މިއީ އެ މަރުކަޒުގެ ވާޑް އަޕްގުރޭޑް ކުރުމަށް ބޭނުން އެހީތެރިކަމެކެވެ.
އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ފެނަކައިން އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. އަދި އެކަމަށްޓަކައި އެމަރުކަޒުން ވަނީ ދިވެހި ސަރުކާރަށާއި ފެނަކާގެ އިސްވެރިންނަށް އެމަރުކަޒާއި އެރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.
ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން ވަނީ ށ. ނަރުދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންގެ ހިޔާ ހެދުމަށް -/50000 (ފަންސާސް ހާސް ރުފިޔާ ) އަދި މާއުނުގޫދޫ ސިއްޚީ މަރުކަޒުގެ ވޯޑާއި އެރަށު ކައުންސިލުން ހިންގަމުންދާ ބޭބީ ނާސަރީ އަދި ނާސަރީ ކްލާސް ރޫމް އެސީ ކުރުމަށް ބޭނުންވާ އޭސީވެސް ހަދިޔާކޮށްފައެވެ.
މީގެ އިތުރުން ފޯކައިދޫގައި ތަރައްޤީ ކުރާ ފުޓްސަލް ދަނޑުގެ ލައިޓް ޖެހުމަށް ބޭނުންވާ ބުޑު އެޅުމަށް ސިމެންތި، ހިލަ އަދި ހިލަވެލި ފެނަކައިގެ ފަރާތުން އެރަށު ކައުންސިލާއި ހަވާލުކޮށްފައި ވެއެވެ.
ފެނަކައިގެ ފަރާތުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ އެކި ރަށްރަށަށް މިފަދަ ގިނަ އެހީތަކެއް އަންނީ ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!