ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ހާމަ ކޮށްފިއެވެ.

އެ ކޮމެޓީން ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދިއްދޫ ކައުންސިލް ގުޅިގެން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ސާފުކޮށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމާއި، ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އެ ރަށުގައި ހަދާފައިވާ ބާބިކިއު އޭރިއާގެ ބިންސާފު ކުރުމުގައި އެ ކޮމެޓީން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

Ad
rt

އަޟްހާ ޢީދުގެ މުނާސަބަތުގައި އެ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ހއ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރ "އަމާންވެށި" ގައި ތިބި ކުދިންނަށް ޢީދު ހަދިޔާ ދިނުމާއި، ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫ ކައުންސިލުން ހިންގި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

އެ ކޮމެޓީން ދިއްދޫ ޕްރީސްކޫލުގެ ހަތަރު ކުލާސް ރޫމަށް ބޭނުންވާ ކާޕެޓް ހަދިޔާ ކުރުމާއި، ދިއްދޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދިނުމާއި، އެ ރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ މާމަ ކާފަ ދުވަހުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ޕޮލިސްޑޭ ފާހަގަ ކުރުމުގެ ގޮތުން ދިއްދޫ ޕޮލިށްޓޭޝަނާއި ގުޅިގެން 15 ދުވަހުގެ މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގުމާއި، ދިއްދޫ ޕޮލިހާއި ގުޅިގެން އެ ރަށުގެ ކަނބަލުން މަގުތަކުގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ގޮތުން އެވެއާނަސް ޕްރޮގްރާމެއް ހިންގާފައިވެއެވެ.

މުދައްރިސުންކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މުދައްރިސުންގެ ދުވަހެއް ފާހަގަ ކުރުމާއި، ބައިނަލްއަޤުވާމީ ހޯމްބޭސްޑް ވޯކްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިއްދޫ ބިޒްނަސް ސެންޓަރާއި ގުޅިގެން ގޭގައި ތިއްބަވައިގެން އާމްދަނީ ހޯދާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިއްދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގުނު ހަރަކާތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ހދ. އަދި ހއ. އަތޮޅަށް ހުޅުވާލައިގެން ބާރަށުގައި ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ދިއްދޫއިން ބައިވެރިވި އަންހެން ވޮލީ ޓީމަށް ކައުންސިލާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މީގެ އިތުރުން ދިއްދޫގައި ކޯވިޑް ބަލި ފެތުރުނު ކޮންމެ ފަހަރަކު އެކަމުން އަރައިގަތުމަށް އެ ރަށު ކޯވިޑް ޓާސްކްފޯސްއާއި ގުޅިގެން މަސައްކަތް ކޮށްފައިވެއެވެ.

ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ހިނގާ 2022 ވަނަ އަހަރު ޖުމްލަ ހަތަރު ދާއިރާއަކުން ހަރަކާތް ހިންގުމަށް ހަމަޖެހިފައިވާއިރު އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާ، ތަޢުލީމީ ދާއިރާ، އިޖްތިމާޢީ ދާއިރާގެ އިތުރުން އަންހެނުންނާއިގުޅޭ ހާއްސަ ދާއިރާއެވެ.