ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ށ. ފުނަދޫ/އިރަމާގ،ެ އިސްމާޢީލް ޢަބްދުﷲ (އިސްމާއީލް ކަތީބު) ރިޓަޔާ ކުރަށްވައިފިއެވެ.
އިސްމާޢީލް ޢަބްދުﷲ ރިޓަޔާ ކުރަށްވާފައި ވަނީ ސަރުކާރަށް 33 އަހަރާއި 7 މަސް ދުވަހުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ ފުނަދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަގާމުގައެވެ.
އިސްމާޢީލް ޢަބްދުﷲގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާގެ ޝަރަފްގައި ފުނަދޫ ކައުންސިލުން ވަނީ މިމަހުގެ 28 ވަނަ ދުވަހު ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އިސްމާޢީލް ޢަބްދުﷲގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.
އިސްމާޢީލް ޢަބްދުﷲ ގެ 33 އަހަރަށްވުރެ ގިނަ ދުވަސްވީ ގައުމީ ޚިދުމަތަށް ބަލާއިރު އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ބަންޑާރަ މިސްކިތުގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އޭގެ ފަހުން އިސްކަންދަރު ސްކޫލް ޓީޗަރެއްގެ ވަޒީފާ އަދާ ކުރެއްވުމަށް ފަހު އޭނާ ވަނީ ފުނަދޫ ސްކޫލްގެ ޤުރުއާން މުދައްރިސްއެއްގެ ވަޒީފާ އަދާ ކުރައްވާފައެވެ.
ފޮޓޯ: ފުނަދޫ ކައުންސިލް
އެއަށްފަހު ފުނަދޫ ކަތީބްގެ މަގާމާއި ފުނަދޫ ކައުންސިލްގެ ޑެޕިިއުޓީ ޑިރެކްޓަރގެ މަގާމުގެ އިތުރުން އެކައުންސިލްގެ އެގްޒެކްޓިވް އެސިސްޓެންޓްގެ މަގާމުވެސް ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފުރުއްވާފައެވެ.
މީގެ އިތުރުން އިސްމާޢީލް ޢަބްދުﷲ އަކީ، އިސްލާމް މުދައްރިސް ކަމުގެ ސެޓްފިކެޓާއި އިމާމު ކަމުގެ ސެޓްފިކެޓްވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ފޮޓޯ: ފުނަދޫ ކައުންސިލް
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ އިސްމާޢީލް ޢަބްދުﷲ ވަނީ 11 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފުނަދޫ ކައުންސިލަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ. އަދި އޭނާގެ ފަރާތުން ފާއިތުވެދިޔަ 11 އަހަރު ތެރޭ ވަރަށް ގިނަ ކަންކަމުގައި އެހީތެރިކަމެއް ފުނަދޫގެ ހިންގުމުގެ ދާއިރާއަށް ލިބިގެން ގޮސްފައިވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.
އޭނާގެ ތަޖުރިބާގެ އަލީގައި ކަންކަމަށް ހައްލު ހޯދާދީފައިވާ ކަމަށާއި، އޭނާއާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށް އަޙްމަދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލްގެ ހުރިހާ ކަމެއްގައި ދެއްވި އެއްބާރުލެއްވުމަށް ކައުންސިލުންގެ ނަމުގައި އިސްމާޢީލް ޢަބްދުﷲ އަށް ފުނަދޫ ރައީސް އަޙްމަދު ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!