ށ. ފޭދޫގައި ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އެރަށުގެ ކައުންސިލާއި މަޝްވަރާ ބައްދަލުވުންތަކެއް ކުރެއްވުމަށް މިމަހުގެ 28 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެފައިވަނީ އެރަށުގައި ޓާފް ދަނޑެއް ގާއިމް ކުރެވުމަކީ ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އެމަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް 3 ހަފްތާ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މަޚްލޫފް ދެއްވާފައިވާ ކަމަށް ރައިޝަމް ވިދާޅުވިއެވެ. މިގޮތުން މިއަހަރު ޓާފް ދަނޑުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެންދާނެ އެއް ރަށުގެ ތެރޭގައި އެރަށް ހިމެނިގެން ދާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިކަމަށް ރައިޝަމް ވަނީ ފާހަގަ ކުރަށްވާފައެވެ.
"މިހާރު އާންމުކޮށް ކުޅެ މިއުޅެނީ ފުޓްސަލް، ކުރިން މިރަށުގައި އޮތް ބޮޑު ދަނޑު އޮތީ ބޭނުން ނުކުރެވި ދުކޮށްލެވިފައި، އެހެންވެ އެ ދަނޑު އޮތް ސަރަހައްދު މިހާރު ވަނީ ޓާފް ދަނޑު ތަރައްގީ ކުރުމަށް ބިން ކަނޑައެޅިފައި، އިރާދަކުރެއްވިއްޔާ އެ ދަނޑު އަލުން ހަދައި، ޓާފް އެޅިގެން ދާނެ" ރައިޝަމް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ ވޮލީކޯޓްގައި ލައިޓް ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ޔޫތު މިނިސްޓްރީގެ ފަރާތުން ފަށާދެއްވާފައެވެ. އަދި އިންޑިއާ ސަރުކާރާާއި ގުޅިގެން އެރަށުގެ އެޅިގެންދިޔަ ކުޑަކުދިންގެ ޕާކް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ހުޅުވިގެންދާނެ ކަމަށް ރައިޝަމް ވިދާޅުވިއެވެ. މީގެ އިތުރުން ވޮލީކޯޓް އަލުން ތަރައްޤީ ކުރުމަށާއި އައުޓްޑޯ ޖިމްއެއް ގާއިމް ކުރުމުގެ އިތުރުން އެރަށަށް ސްޕޯޓްސް ކައުންސިލެއް ހަމަޖެއްސެވުމަށް އެކައުންސިލުންވަނީ މިނިސްޓަރ މަހްލޫފްގެ އަރިހުން އެދިފައެވެ.
ޔޫތު މިނިސްޓަރުގެ މިދަތުރުގައި އެރަށުގައި މިހާރު އޮންނަ ބޯޅަ ދަނޑު ބައްލަވާ ލެއްވުމުގެ އިތުރުން، ރަށުގެ ކުޅިވަރު ކުޅޭ އެހެނިހެން ބިންތައްވެސް ވަނީ ބައްލަވާލައްފާއެވެ. އެރަށުގައި ޓާފް ދަނޑެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!