މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް ކަމަށާއި، ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ހުޝާމް މި ހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް މިހާރު ޚާއްޞަކޮށްފައިވާ "މުރައިދޫގެ" ތަޅާލަންޖެހޭކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރަށްވަމުންނެވެ.
ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ތާއީދު ހޯދުމުގެ ގޮތުން ފޯކައިދޫގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، މިހާރު ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނެވި މަލީހް ވިދާޅުވީ، މުރައިދޫގެ އަކީ ބޭކާރު ތަނެއް ކަމަށެވެ. އެތަނަށް ކުރާ ހަރަދަކީ ރައްޔިތުންގެ ފައިސާއިން ކުރާ ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ވެރިކަމެއްގައި "މުރައިދޫ" ގެ ތަޅާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަލީޙް މިހެން ވިދާޅުވުމުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރުގައި އެގެހުރީ ރައީސް ޔާމީންގެ އާއިލާއަށް ހާއްސަކޮށްފައި ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމް ސަރުކާރުގައި އެގެހުރީ ރައީސް ޔާމީންގެ އާއިލާއަށް ހާއްސަކޮށްފައި، މިހާރު މަޖިލިސް ރައީސްއަށް. ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ." އުޝާމް ވިދާޅުވިއެވެ.
ދައުލަތުގެ ތަންތަން ތަޅާ ހަލާކުކުރާ ވާހަކަ ދެއްކުމަކީ މާމޮޅުކަމެއް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް. PPM ސަރުކާރުގަ އެގެހުރީ ރައީސް ޔާމީންގެ އާއިލާއަށް ހާއްސަކޮށްފަ. މިހާރު މަޖިލިސް ރައީސްއަށް. ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ. ދައުލަތުގެ ތަންތަން ތަޅާ ހަލާކުކުރާ ވާހަކަ ދެއްކުމަކީ މާމޮޅުކަމެއް ނޫން. https://t.co/O1GlUTJo4m
— Ahmed Usham (@a_usham) January 29, 2022
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މި ދިޔަ އަހަރު މެއި 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއަށްފަހު، ރައްޔިތުންގެ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި މުރައިދޫގެ ހަމަޖެއްސެވީ، ގާނޫނަށް ބަދަލު ގެނެސްގެންނެވެ.
އެ ބަދަލުގައި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ވަނީ ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!