ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ ދަށުން އެ ލައިބްރަރީއަށް ފޮތް އިތުރު ކުރުމަށްޓަކައި ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފޮތް ހަދިޔާ ކުރުމުގައި އަދަބިއްޔާތާއި ގުޅުންހުރި ފޮތާއި، ކުޑަކުދިންގެ ވާހަކަ ފޮތާއި، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ ދިވެހި އަދި އިނގިރޭސި ވާހަކަ ފޮތުގެ އިތުރުން ދީނީ ފޮތަށް އިސްކަން ދިނުމަށް ހަނިމާދޫ ސްކޫލުން އެދިލައްވައެވެ. ވަކިދާއިރާތަކެއް ފާހަގަ ކޮށްފައި ވީ ނަމަވެސް އެ ދާއިރާތައް ނޫން އެހެން ދާއިރާތަކުގެ ފޮތްތައް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ޕްރެޖެކްޓުގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުން އަންނަ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރ ފަރުހާދު މޫސާ ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

ފަރުހާދު އިތުރަށް ވިދާޅުވެފައި ވަނީ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިހާރު ފެށިފައި ވީ ނަމަވެސް މަސައްކަތަށް ބޭނުންވާ ފަންޑިން ހަމަޖެހުމުގައި ޖަމިއްޔާގެ އެކައުންޓްގެ އަޕްޑޭޓިން މަސައްކަތްތަކެއް ބޭންކާއި ގުޅިގެން ކުރަންޖެހުމާއިއެކު އެކަމަށް ވެސް މުއްދަތެއް ހޭދަވެގެންދިޔަ ކަމަށެވެ. އަދި ފާއިތުވެދިޔަ ދެތިން މަސްތެރޭ ކޯވިޑް ހާލަތު ގޯސްވެ ރަށް މޮނީޓަރިންނަށް ލުމަކީ ވެސް މަސައްކަތް އެންމެ ބޭނުންވި ހަލުވި މިނުގައި ކުރިއަށް ގެންދިޔުމުގައި ދިމާވި ގޮންޖެހުމެއް ކަމަށެވެ.

މި ޕްރޮޖެކްޓްގައި ހިމެނިގެން އެ ސްކޫލުގެ ދަރިވަރުންގެ މެދުގައި ފޮތް ކިޔުމުގެ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެ ހަރަކާތް ކުރިއަށް އޮތް ފެބްރުއަރީ މަހަށް ވަނީ ތާވަލު ކޮށްފައެވެ. ޕްރޮޖެކްޓް އިތުރަށް އިޝްތިހާރު ކުރުމުގެ ގޮތުން ޕްރޮޖެކްޓާއި ގުޅޭ ހާއްސަ ޓީޝާޓް ހަދައި ބޭނުން ކުރުމަށް ހަމަޖެހިފައިވާކަން ފަރުހާދު ވަނީ ފާހަގަ ކޮށްފައެވެ.

ފަރުހާދު އިތުރަށް ވިދާޅުވެފައި ވަނީ ފޮތް ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖަމިއްޔާގެ ރައީސް ހުސެއިން ވަހީދު / 7904390 ނުވަތަ ފަރުހާދު މޫސާ/ 7915589 އަށް ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުމަށް އެދޭކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ދެމުން އަންނަ އެހީއެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލް ތަކަކީ ހިލޭސާބަހަށް ކުރާ މަސައްކަތް ތަކަށާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކަށާއި އަދި ތިމާވެށި ހިމާޔަތް ކުރުންފަދަ ކަންކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި ހޮވާ ފަސް މަސްރޫޢުގެ ތެރޭގައި ހިމެނޭ ކޮންމެ މަސްރޫޢުއަކަށް ބީއެމްއެލްގެ ފަރާތުން އަންނަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 27 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.