ހދ. ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިއުލާން ކޮށްފި އެވެ.

އެކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެފަރާތުން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އެރަށުގެ އައު އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މީގެކުރިންވެސް މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނިން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެފަހަރުގެ އިއުލާނަށް އެންމެ އެކަށީގެންވާ ތަރުޙީބެއް ވަނީ ނުލިބިފައެވެ.

އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 09 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން ކުރިއަށް ދާނީ އީމެއިލް މެދުވެރިކޮށް އަންނަ ފެބުރުއަރީ މަހުގެ 08 ވަނަ ދުވަހުގެ 15:00 ގައެވެ. މެއިލް ކުރައްވާނީ tender@fenaka.com.mv މި އެޑްރެހަށެވެ. އަދި މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.

ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރާނެބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އެންމެ ފުރަތަމަ އިޢުލާންކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އެފަހަރު 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތައް އިންޖީނުގެ އަޅަން ހަވާލުކޮށްފައިވަނީ ނުގާ ކޮންސްޓްރަކްޝަންއާ އެވެ.

މި ފަހަކަށް އައިސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދަނީ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރައްތަކެއްގައި ހުރި ބައު އިންޖީނުގެތައް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިހަވަންދޫ، އުތީމު، ވައިކަރަދޫ، ކުމުންދޫ، އަދި ކުޅުދުއްފުށީގައި ތަރައްޤީ ކުރެވެމުން އަންނަ އައު އިންޖީނުގެތައް ފާހަގަކޮށްލެވެއެވެ.

ފެނަކައިން ދަނީ މި މަސައްކަތްތައް އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރަށްތަކުގައިވެސް ބާރު ސްޕީޑްގައި ކުރަށްވަމުންނެވެ.