ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ކޮމަންޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ފަތުހީގެ ކެމްޕޭން އެއްވާމެއްގައި ހުއްޓުމެއްނެތި ކުރިއަށްދާއިރު، ފަތުހީގެ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ތިލަދުން" އަށް ވިދާޅުވިއެވެ.

Ad
rt

ފަތުހީގެ ކެމްޕެއިން މިވަގުތު އެންމެ ފޯރީގައި ހިންގާ ހަރަކާތަކީ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެވެ. އެ ހަރަކާތުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ އިތުރުން އެ ކޯލިޝަންގެ ލީޑާޝިޕްގެ އިސް ބޭފުޅުން އަންނަނީ ބައިވެރިވަމުންނެވެ. އަދުރޭއާއި އާދަމް ޝަރީފް އެމައްސަކަތުގައި އެ ދާއިރާގައި ތިއްބަވާތާ މިހާރު މަހަކާ ވަނީ ގާތްވެފައެވެ.

ފަތުހީ ވަނީ ދާއިރާގެ ތިން ރަށަށް ވެސް ވަޑައިގަންނަވާފައެވެ. ދޮރުން ދޮރަށް ހިންގެވުމުގެ އިތުރުން ކެމްޕޭން ޖަލްސާތައް ވެސް ދަނީ ބާއްވަވަމުންނެވެ.

ފަތުހީ ދޮރުން ދޮރަށް ހިންގަވަނީ، ފޮޓޯ: ޕީޕީއެމް

ފަތުހީގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވެސް އެދާއިރާއަށް ދަތުރުކުރަށްވާފައިވާއިރު، ޕީޕީއެމްގެ އިސް އެކިއެކި ބޭފުޅުން އެކިފަހަރު މަތިން ދަނީ އެ ދާއިރާއަށް ދަތުރު ކުރަށްވަމުންނެވެ.

މޫސާ ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ށ. އަތޮޅު ރައީސް ކަމާއި އެ އަތޮޅު އަތޮޅު ވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފަ އެވެ. އެހެންކަމުން ފަތުހީގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ފަތުހީއަކީ އެދާއިރާގެ ވިންދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ދާއިރާގެ ހައްގުގައި ކެރިގެން ބަސްއިއްވާނެ އެންމެ ގާބިލު ކެންޑިޑޭޓެވެ.

ފަތުހީގެ ކެމްޕެއިން ޖަލްސާއެއް ކުރިއަށް ދަނީ، ފޮޓޯ: ޕީޕީއެމް

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.