ފާއިތުވި ތިން ހަފްތާގެ ތެރޭގައި ޗެލްސީއާއި ޓޮޓެންހަމް ތިން ފަހަރެއްގެ މަތިން ބައްދަލު ކޮށްފައިވާއިރު އެ ތިން މެޗު ވެސް ޗެލްސީން ކާމިޔާބި ކޮށްފިއެވެ.
މި މަހުގެ ހަވަނަ ދުވަހު އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ޗެލްސީ ކާމިޔާބުކުރި އިރު، ދެވަނަ ލެގުގައި މި ދެ ޓީމް މި މަހުގެ 13 ވަނަ ދުވަހު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޗެލްސީ ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗު ވެސް ޗެލްސީ ވަނީ ކާމިޔާބު ކޮށްފައެވެ. ޗެލްސީ މި މެޗު ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ތިން މެޗުގައި ވެސް ޓޮޓެންހަމްއަށް ޗެލްސީކޮޅަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.
މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ މިނެޓުގައި ވެސް އެ ޓީމްގެ ލުކާކޫއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ޓޮޓެންހަމްގެ އޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ލުކާކޫ ހުހަށްހުރެ އެއްފަހަރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައި ވަނީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. އެއަސްފަހު ޗެލްސީގެ ޒިޔެޗް ވަނީ ޓޮޓެންހަމްގެ އޭރިއާ ބޭރުގައި ހުރެ ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ ޓޮޓެންހަމްގެ ކީޕަރ ލޮރިސް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ވަނީ ލަނޑެއްޖަހާފައެވެ. ނަމަވެސް މެޗުގެ ރެފްރީ ވަނީ ވީއޭއާރުން އިތުރަށް ބެލުމަށް ފަހު އެ ބޯޅަ ކޭންއަށް ލިބިފައި ވަނީ ޗެލްސީގެ ޑިފެންޑަރ ތިއާގޯ ސިލްވާ ކޮށްޕާލުމުން ކަމަށް ބަލައި އެ ލަނޑު ބަލައި ނުގަނެފައެވެ.
މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޓޮޓެންގަމްގެ އޭރިއާގެ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޒިޔެޗެވެ. ދެވަނަ ލަނޑު 55 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރ މައުންޓް ހިލޭ ޖެހުމަކުން ޓޮޓެންހަމްގެ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ތިއާގޯ ސިލްވާއެވެ.
މި މެޗުން މޮޅުވުމާއިއެކު ޕޮއިންޓް ތާވަލުގެ ތިންވަނާގައި ޗެލްސީ އޮތީ 24 މެޗުން ލިބުނު 47 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި 22 މެޗުން 48 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، އެއްވަނާގައި ސިޓީ އޮތީ 23 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!