މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ޖޭޕީގެ އިސް އޮފިޝަލަކު "ތިލަދުން" އަށް ވަނީ ޤާސިމް، ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

Ad
rt

މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމްޕެއިނަށް އެ ދާއިރާއަށް ވަޑައިގެންފައެވެ. އަރިހުގައި ރައީސް އޮފީހުގެ، ޖޭޕީއަށް ނިސްބަތްވާ، މިނިސްޓަރު އަޙްމަދު ސަމީރު ވެސް ވަނީ ބައިބެރިވެ ވަޑައިގެންފައެވެ.

ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ބައެއް ވަޒީރުން ވެސް އެ ދާއިރާއަށް ވަޑައިގެންފައިވާއިރު، މިއަދު ވަނީ މަޖިލިސް ރައީސް އަދި އެމްޑީޕީގެ މުޙައްމަދު ނަޝީދު ވެސް އެ ދާއިރާއަށް ވަޑައިގެންފައެވެ.

ކެންޑިޑޭޓް ނަމްބަރު 1 ރާޝިދުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ފޯކައިދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާއަށް ވަރަށްބޮޑަށް އެރަށް ވަނީ ތައްޔާރުވެފައެވެ.

ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ.

ރާޝިދުގެ ކެމްޕޭނަށް ޤާސިމް ވަޑައިގަންނަވަން ނިންމެވިއިރު، ޖޭޕީއަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.