ކޮވިޑް19 އަށް ޕޮޒިޓިވެވި އެމެރިކާގެ ކެންސަސް ސިޓީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ވެންޓިލޭޓަރަށް ލާފައިވާ އަންހެނަކު އަހަރެއްހާ ދުވަސް ފަހުން ވެންޓިލޭޓަރުން ނަގައިފިއެވެ.
އާއިލާއާއި ހަވާލާދީ ޚަބަރުތަކުގައި ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ދުވަހު ގްވެން ސްޓާކީ ވަނީ ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލާފައެވެ.
އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ ކޮވިޑް 19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިއުމޯނިއާ ޖެހުމުގެ ސަބަބުން ނޭވާލުމަށް ދަތިވެ ފާއިތުވި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ވެންޓިލޭޓަރުން ނަގާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގައެވެ.
ވެންޓިލޭޓަރުން ނެގުމަށްފަހު ނޭވާލުމަށް އެހީވެދޭ ތެރަޕީތަކާއި ވާހަކަ ދެއްކުމަށްވެސް އޭނާއަށް އެކި ކަހަލަ ތެރަޕީތައް ހޮސްޕިޓަލުން ވަނީ ދީފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވެންޓިލޭޓަރުގައި އޮތުމުން އެކަމާއި ގުޅިގެން ހޮސްޕިޓަލްގެ ރެސްޕިރޭޓަރީ ތެރަޕިސްޓް ވަނީ ސްޓާކީއަށް ސެޓްފިކެޓެއްވެސް ދީފައެވެ.
އާއިލާއިން ސްޓާކީގެ އެނބުރި އައުމާއި މެދު އުފާކޮށް ބުނެފައިވާ ގޮތުގައި، އެއް އަހަރުވަންދެކަށް އެއްވެސް ކާއެއްޗެއް ނުކައި އެނދުގައި އެއްވެސް ހަރަކާތެއް ނެތި އޮތް ހަށިގަނޑު ގިނަ ދުވަސްތަކެއް ހޭދަކޮށް އޮތުމަށް ފަހު ވެންޓިލޭޓަރުން ނެގުމުން އޭނާއަށް އެންމެ މީރު އެއްޗަކަށް މިހާރު ވެފައިވަނީ ޓާކޯސްކަމަށް ބުނެފައިވެއެވެ.
އުމުރުން 60 އަހަރުގެ ސްޓާކީގެ ބައްޕަވެސް ވަނީ އޭނާ ވެންޓިލޭޓަރުގައި އޮއްވާ ނިޔާވެފައެވެ.
އާއިލާއިން ބުނާ ގޮތުންނަމަ، ސްޓާކީ ކޮވިޑް ޖެހިގެން ހާލަތު ގޯސްވެފައިވަނީ ކޮވިޑުން ދިފާޢުވުމަށް ދެވޭ ވެކްސިންތައް ދޭން ފެށުމުގެ ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!