އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ 5 މަގާމަށް މެމްބަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތަށް މުއްދަތު އިތުރު ކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުން މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދާނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

އޭސީސީގެ 5 މެމްބަރުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންތައް ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ފެށުމުން ކުރިން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި 3 ބޭފުޅުން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެ ބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޑިސެމްބަރު 26 ވަނަ ދުވަހު ފާސްކޮށްފައި ވަނިކޮށެވެ. އެއީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ދެވަނަ ފަހަރެވެ.

އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެ ކޮމިޓީއިން ނިންމާފައިވަނީ އެކަށީގެންވާ މިންވަރަށް މަސައްކަތްތަކެއް ނުކުރެވޭތީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އޭސީސީގެ މެންބަރުން ވަނީ އެކަން ދޮގުކުރަށްވާފައެވެ.