ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފި އެވެ.
އެއިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2012/7( އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ
12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން، މި ހިނދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތަށް ތިރީގައިވާގޮތަށް ބަދަލުގެނައުމަށް ނިންމައިފައިވާ ކަމަށެވެ.
ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެވެ. މި 7 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެކަމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުންކަމަށް ބުނެފައިވެއެވެ.
ނަމަވެސް، ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމައެވެ. އެންޓިޖެން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުންނެވެ.
ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑް-19 އަށް ޕޮޒިޓިވްވާމީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.
ނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކުރެވޭނެކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ. އެގޮތުގެ މަތިން ޢަމަލުކުރެވޭނީ ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމައެވެ.
މީގެ އިތުރުން ކޮވިޑް-19 ވެކްސިން ފުރިހަމަނުވާ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުންނެވެ.
ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ނުވަތަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިމަރޖެންސީ ޔޫސް ލިސްޓިންގ ގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާނަމައެވެ.
އެޗްޕީއޭގެ މިނިންމުމާއި އެކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެކަހެރި ކުރާ މުއްދަތާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރާ މުއްދަތަށް ބަދަލު ގެނައުމުން މިހާރު އެކަހެރިކުރެވިފައިވާ އަދި ކަރަންޓީނުކުރެވިފައިވާ ފަރާތްތައް މި ނިންމުމުގައިވާ ގޮތުގެ މަތިން މުއްދަތުތައް ފުރިހަމަވެފައި އަދި ކަނޑައެޅިފައިވާގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާނަމަ އެކަހެރިވުން/ކަރަންޓީނުވުން ނިމޭނެކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!