ށ. ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 250 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި، 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލާނެއެވެ.
މި މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުވެސް ތައްޔާރުކުރާނީ ވެސް އެމްޓީސީސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!