ހދ. ހަނިމާދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން، ހަނިމާދޫ ސަޢާދާ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
ހަނިމާދޫ ސަޢާދާ ޕްރީސްކޫލަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރީސްކޫލެކެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަޙީދު "ތިލަދުން" އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލް ހިންގުމުގެ ކަންކަމަށް އެހީތެރިކަން ހޯދުމަށް ހަނިމާދޫ ކައުންސިލަށާއި، އަންހެނުންގެ ތަރައްގީކުރާ ކޮމެޓީއަށް ޕްރޮޕޯސަލް ހުށަހެޅުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ އެކަން އަންގާފައިވާ ކަމަށެވެ.
މިގޮތުން ކައުންސިލުން ވަނީ 25 ހާސް ރުފިޔާ ދޭން ނިންމާފައެވެ. އަދި އަންހެނުންގެ ކޮމެޓީން ވަނީ 15 ހާސް ރުފިޔާގެ ތަކެތި ފޯރުކޮށްދޭން ނިންމާފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަޙީދު ވަނީ، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީކުރާ ކޮމެޓީގެ މިއެހީތެރިކަމާއި، އެއްބާރުލުން ފާހަގަ ކުރަށްވާފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން، އެ ޖަމިއްޔާއިން ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލް ހިންގަންފެށީ 2002 ވަނަ އަހަރު އެވެ.
އެ ޕްރީސްކޫލްގައި މިވަގުތު 53 ދަރިވަރަކު އަންނަނީ ތަޢުލީމު ހާސިލް ކުރަމުންނެވެ.
2012 ވަނަ އަހަރު ޕްރީސްކޫލް ހިންގުމުގެ ގާނޫނު ވުޖޫދުވެ، އަމަލުކުރަން ފެށުމުން ޔޫކޭޖީ، އެލްކޭޖީ އުމުރުފުރާ ދަރިވަރުން ސަރުކާރުގެ ސްކޫލްތަކުން ކިޔަވައިދޭގޮތަށް ހަމަޖެހިގެން ދިޔުމާއި ހަމައަށް އެ ޕްރީސްކޫލްގައި ވަނީ، ޔޫކޭޖީ، އެލްކޭޖީއަށް ވެސް ކިޔަވައިދީފައެވެ.
މިހާރު އެ ޕްރީސްކޫލްގައި ކިޔަވައިދެނީ ނާސަރީ އަދި ބޭބީ ނާސަރީއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!