ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ށ. ކޮމަންޑޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިޙަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ އެންމެ އިސް ލީޑަރެވެ.

Ad
rt

އެމްޑީޕީން މިއަދު ބުނީ މިއީ އެ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރައީސް ޞާލިޙް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ޖަލްސާ އޮންނާނީ މިރޭ ކޮމަންޑޫގައެވެ.

އެ އިންތިޚާބުގައި ވާދަކުރަނީ ތިން ސިޔާސީ ޕާޓީއަކުންނެވެ. އެއީ އެމްޑީޕީގެ އިތުރުން އެމްއެންޕީ އަދި އިދިކޮޅު ޕީޕީއެމެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.