ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ.
ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރަށްވާ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްވި ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގެ ރަސްމީ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވައި ވަނީ މާދަމާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ޗައިނާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަށް މަރުހަބާ ދެންނެވުމަށާއި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. އެކި ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެމުން އަންނައިރު ކޯވިޑްގެ ހާލަތުގައި ވެސް ޗައިނާއިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!