ރަށްރަށުގައި ސަރުކާރުން އެކިއެކި ތަރައްގީގެ މަޝްރޫޢޫތައް ކުރިއަށްގެންދާއިރުގައި، އެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުން ބޭނުންވާ ގޮތެއް އޮތް ކަމަށްވަންޏާ، އެކަމެއް ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންގެ އަޑުއަހައި، އެ ގެންނަންޖެހޭ ބަދަލެއް ގެނެސް، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެކަން ކޮށްދޭންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ނ. ލަންދޫ ބަނދަރު އިފްތިތާޙްކޮށްދެއްވައި، އިއްޔެ މެންދުރު ފަހު ލަންދޫ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ކުރިއަށްގެންދަވާ މި ދަތުރަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފަށާފައި ހުރި ތަރައްޤީގެ އެކި މަޝްރޫޢުތައް ބަލައި ކުރިއަށް ގެންދިޔުމަށް ދެން ކުރަންޖެހޭ ކަންތައްތައް ދެނެގަތުމުގެ ދަތުރެއް ކަމަށެވެ.
ކޮންމެ މަޝްރޫޢެއްވެސް، ކޮންމެ ކަމެއްވެސް ކުރަމުން މިގެންދަނީ، އެ ރަށެއްގެ ނޫނީވިއްޔާ އެ އަތޮޅެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އަޑުއަހައިގެންކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
"އަޅުގަނޑުވެސް، މިތާ މި ތިއްބެވި ކޮންމެ ވަޒީރަކުވެސް އަދި ކުންފުނިތަކުގެ އެމް.ޑީ.ންވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުންގެ އަޑުއަހައިގެން. މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ، ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، ރައްޔިތުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް އޮތް ކަމަށްވަންޏާ، އެކަމެއް ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
"އެހެންވީމާ، ކަމެއް ކުރިއަށްގެންދާއިރުގައި، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް އޮތް ކަމަށްވަންޏާ، އެކަމެއް އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވާ. އަޅުގަނޑުމެން މިތިބީ އެ އަޑުއަހައި، އެ ގެންނަންޖެހޭ ބަދަލެއް ގެނެސް، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެކަން ކޮށްދޭން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގެ ބަނދަރު ހަދަން ފެށްޓީ، 300 ފޫޓުގެ ބަނދަރެއްގެ ތަރައްގީކުރުމަށް ކަމަށާއި، ފުރަތަމަ ވިސްނުމުގައި އޮތީ 500 ފޫޓުގެ ބަނދަރެއް ތަރައްގީ ކުރުމަށްކަމަށެވެ. ނަމަވެސް، ރައްޔިތުން ބޭނުންވީ އަދި އެއަށްވުރެވެސް ބޮޑުކުރަންކަން ފާހަގަކުރަށްވައި، އެ ބަނދަރު ނިމިގެންދިޔައިރު އެއީ ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް ފުއްދޭވަރަށް ހެދިފައި އޮތް ބަނދަރެއް ކަމަށް އުންމީދު ކުރަށްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ދެން އިތުރަށް ބޭނުންވާ ކަމެއްގެ ގޮތުގައި ވިދާޅުވެފައި އެއޮތީ، އޮޑިއެހެލާ ތަނެއް ފުރިހަމަކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ، އެމް.ޓީ.ސީ.ސީ. މި ރަށުން ފައިބައިގެންދާއިރުގައި، ތިޔަބޭފުޅުން އެ ބޭނުންފުޅުވާ ގޮތަށް، އޮޑިއެހެލާ ތަން ފުރިހަމަވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މިހާތަނަށް އައިއިރުގައި، މި ސަރުކާރުން ބަނދަރާއި ޖެޓީގެ ގޮތުގައި 25 ތަނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިންމާފައިވާކަމަށާއި، 39 ރަށެއްގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި، 13 ރަށެއްގެ މަސައްކަތް ފެށުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައިކަން ފާހަގަކުރަށްވާފައެވެ.
ޓެންޑަރ ކުރެވޭ މަރުޙަލާގައި 29 ބަނދަރެއްގެ މަސައްކަތް އެބައޮތްކަމަށާއި، އިތުރަށް ކުރިއަށް 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ރާވާފަވާކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، މި ދައުރުގެ ފަސް އަހަރު ނިމިގެންދާއިރުގައި، މި ހުރިހާ މަސައްކަތެއް ކޮށް ނިންމާލުންކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!