އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.
އޭސީސީ ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އޭސީސީ ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު އަލުން ހުޅުވައިލުމާއެކު، 2021 ޑިސެންބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުސަތުހުޅުވާލައި ކޮށްފައިވާ އިޢުލާނު ވަނީ ބާޠިލުކޮށްފައެވެ.
އޭސީސީގެ 5 މެމްބަރުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންތައް ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ފެށުމުން ކުރިން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި 3 ބޭފުޅުން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޑިސެމްބަރު 26 ވަނަ ދުވަހު ފާސްކޮށްފައި ވަނިކޮށެވެ. އެއީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ދެވަނަ ފަހަރެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެ ކޮމިޓީއިން ނިންމާފައިވަނީ އެކަށީގެންވާ މިންވަރަށް މަސައްކަތްތަކެއް ނުކުރެވޭތީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އޭސީސީގެ މެންބަރުން ވަނީ އެކަން ދޮގުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!