ހދ.ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ "ބަދަހި ހިރަފުސް ކަޕް 2021" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވައިލްޓް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 29 ޑިސެމްބަރ 2021 ވީ ބުދަ ދުވަހު ހަވީރު ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިލެޓާއި ފެމެލީ ބޭކަރީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ވައިލެޓް ޓީމުން ހޯދާފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ފެމެލީ ބޭކަރީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފެމެލީ ބޭކަރީ ޓީމްގެ ޖޯޒީ ނަމްބަރު 9 އިބްރާހީމް ހުސެއިން (މައްލެ) އެވެ.

Ad
rt

ޖުމުލަ ހަ ޓީމާއިއެކު ބަދަހި ހިރަފުސް ކަޕް ފަށާފައި ވަނީ 11 ޑިސެމްބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގައި ބައިވެރި ވެފައިވާ ޓީމްތަކަކީ ޓީމް ވައިލެޓް، ފެމެލީ ބޭކަރީ، ރެޑް ސްނެޕާރސް، ބަރަކޫޑާ، ސްޕީޑީ ޖުއިސީގެ އިތުރުން ބުލޫ މާލިންސްއެވެ.

ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްފައެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރެޑް ސެންޕާރސްގެ ޖޯޒީ ނަމްބަރު 27 މާއްދު އަދުނާނެވެ. އޭނާ ވަނީ މުބާރާތުގައި 12 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަށް ހޮވިފައި ވަނީ ވައިލެޓް ޓީމްގެ ޖޯޒީ ނަމްބަރު 1 އަޙުމަދު ފިޔާންއެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިން ހޮވާފައިވާއިރު ތިންވަނަ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފެމެލީ ބޭކަރީގެ ޖޯޒީ ނަމްބަރު 19 ހަމްދާންއެވެ. ދެވަނަ ކުޅުންތެރިއަކަށް ޓީމް ވައިލެތްގެ ޖޯޒީ ނަމްބަރު 3 އަމްޖަދު ހަސަން ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޓީމް ވައިލެޓްގެ ޖޯޒީ ނަމްބަރު 11 އަލީ ރިޒާއެވެ.

ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމުގައި އެކި ގޮތްގޮތުން އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް މުބާރާތުގައި ބައިވެރިވި ކުޅުންތެރިންނާއި މުބާރާތުގެ އޮފިސަލުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ހިރަފުސް ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.