ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު އިތުރު 106 ބޭފުޅަކަށް ދެއްވައިފިއެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި އިތުރު 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 2 ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެއްބޭފުޅުންނަކީ ހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އިދުރީސް އާދަމްއެވެ. އަނެއް ބޭފުޅަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި ހުންނެވި މާފަންނު މާހުރާ، އަޙްމަދު ސަލީމެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، އެމް.އެން.ޑީއެފް.އާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެހެނިހެން މުއައްސަސާތަކުގެ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ވެސް މިރޭ އިނާމު ލިބިވަޑައިގަތެވެ.
އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އިދުރީސް އާދަމްގެ އިތުރުން ތިލަދުންމަތިން މި އިނާމް ލިބިވަޑައިގަތް ބޭފުޅުން:
- ޙަސަން އާދަމް، ނަސްރު/ށ. ފުނަދޫ، ޚިދުމުމަތް ކުރެއްވި މުއްދަތު، 40 އަހަރު
- ޢަބުދުލްޢަޒީޒް ޔޫސުފް، ޕެރިސް/ށ. ބިލެތްފަހި، ޚިދުމުމަތް ކުރެއްވި މުއްދަތު، 39 އަހަރު
- ފަހީމާ އިދުރީސް، މާޒް/ހއ. އުލިގަމް، ޚިދުމުމަތް ކުރެއްވި މުއްދަތު، 35 އަހަރު
ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، ޤައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު ދެއްވާގޮތަށް ވަނީ ރައީސުލްޖުމްހުރިއްޔާ ނިންމަވާފައެވެ. މިގޮތުން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދެއްވާފައެވެ. އަދި ރޭ އިނާމު ދެއްވީ ބާކީ ތިބި 106 ބޭފުޅުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!