އެއްޗެއް ކަޅެއްތަ؟ ނޫނީ "ފެހި، ހުދު، ދަނބު" ސައެއް؟

tea

ސަޔަކީ ދިވެހިންގެ ސުފުރާމަތި ފަޅުފިލުވައިދޭ ބުއިމެކެވެ. ހާއްސަކޮށް ހެނދުނުގެ ނާސްތާއާއި ހަވީރުގެ ސައިގައި ކަޅުސައި މިއީ، ހާއްސަ ދައުރެއް އަދާކުރާބުއިމެކެވެ.

އެންމެ އާދައިގެ ސުފުރާތަކުން ފެށިގެން އެންމެ މުއްސަނދި ސުފުރާތަކުގައިވެސް ސައިގެ ދައުރު ނުހަނު ބޮޑެވެ. ދިވެހިންނަށް އާއްމުކޮށް ބޭނުންކުރާ ސައިގެ ބާވަތަކީ، ކަޅުސައެވެ. ދިވެހިންނަށް ސައިގެ ވައްތަރުތަކުން ކަޅުސައި ހާއްސަވެފައި އާއްމުކޮށް ބޮއެ އުޅުނު ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުކޮށް ބޮއެއުޅޭ ސައިގެ ވައްތަރުތައް ގިނައެވެ.

ކަޅު ސައި

ސައޭ ބުނެފިނަމަ، ފުރަތަމަވެސް ހިތަށް އަރާނީވެސް އޭގެ ކުލަކަމަށްވެސް ކަޅުކުލައެވެ. ސައިގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމު ބާވަތަކީވެސް ކަޅުސައެވެ. ތަފާތުއެކި ނަންނަމުގައި، ކަޅުސައިގެ ސާފަތް ޕެކެޓުތައް، ބަންދުކޮށްފައި ހުރެދާނެއެވެ. ރަހާގައިވެސް ތަފާތެއް ފެނިދާނެއެވެ. އެއީ، ޕްރޮސަސް ކުރުމާ، ބަންދުކުރުމުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ފާހަގަވާ ފާހަގަވުމެކެވެ. ކޮފީއެކޭ އެއްފަދައިން ކަޅު ސަޔަކީ، ގިނައަދަދަކަށް އޭގައި ކެފެއިން އެކުލެވޭ އެއްޗެކެވެ. ސައިފަތުގެ އެހެން ބާވަތްތަކަށްވުރެ ކެފެއިން އޭގައި އެންމެ ގިނަ އަދި އެންމެ ވަރުގަދަ ރަހައެއް ހުންނަ ސާފަތުގެ ބާވަތަކީވެސް މިއެވެ. ކަޅު ސައި އުފެއްދުމަށްޓަކައި، ސައި ފަތް ކޮށައި، މުރަނަކޮށް، ކުޑަކޮށް ފުނޑުފުނޑުކޮށްލައެވެ.

އެންމެ ގިނައިން ކަޅުސައި ބޯ ޤައުމުތަކަކީ، ޗައިނާ އާއި އިންޑިއާގަ އެވެ. މީގެ އިތުރުން އެންމެ ގިނައިން (ކަޅު) ސައިފަތް ބޭރުކުރާ ޤައުމުތަކުގެ ތެރޭގައި، ސްރީލަންކާ، ނޭޕާލް، ވިއެޓްނާމް އަދި ކެންޔާ ހިމެނެ އެވެ. އާންމު ގޮތެއްގައި އިންޑިއާގެ ކަޅު ސައި ގެ ތަފާތު ބާވަތްތައް ވަރަށް މަޝްހޫރުކަމަށް ފާހަގަ ކުރެވެއެވެ. އަދި ގިނަ ފަހަރަށް މި ސައިފަތް ބޭނުން ކުރަނީ ކިރު އަދި ގެރިކިރު، އެއްކޮށްގެންނެވެ. ނަމަވެސް، ޗައިނާގައި އާއްމުކޮށް ކަޅުސައި ބޭނުންކުރަނީ އަހަރެމެން ދިވެހިންވެސް މި ބޭނުންކުރާ ބީދައިންނެވެ. އެއަށް ކިރު އެއްކުރުމެއް ނެތިއެވެ.

ގްރީން ޓީ (ފެހި ސައި)

ގްރީން ޓީ އަކީ ގިނަ ފަހަރަށް ލުއި ފެހި ނުވަތަ ނުވަތަ މަޑު ރީނދޫ ކުލައަކަށް ހުންނަ، ކަޅުސަޔަށްވުރެ އޭގައި ލުއި ރަހައެއް އެކުލެވިގެންވާ ބާވަތެކެވެ. މިވައްތަރުގައި ކެފެއިން އެކުލެވޭ ނިސްބަތް ކަޅުސަޔަށްވުރެ ދެގުނަ މަދެވެ. މަޝްހޫރު ގްރީން ޓީތަކުގެ ތެރޭގައި ގުންޕައުޑަރު، ޖޭސްމިން ޔިން ކްލައުޑް، އަދި މޮރޮކޯ މިންޓް ހިމެނެ އެވެ. ސާފަތް، ގަހުން ފެހި ކުލާގައި ހުއްޓާ ކެނޑުމަށްފަހު، އޭގެ ވައިބަންދުކޮށް މިލުވަނީއެވެ. ގިނަފަހަރަށް ސްޓީމް ކޮށްފައެވެ. އެއަށްފަހު ފަތްތައް ރޯލްކޮށް ނުވަތަ ފެން ހިކިލަންދެން ބަހައްޓާ ބަންދުކުރެއެވެ.

ގްރީން ޓީ އެންމެ ފުރަތަމަ އުފެއްދީ ޗައިނާ އާއި ޖަޕާނުގަ އެވެ. ޗަޕާނުގެ ގުރީންޓީ އެހެން ބާވަތްތަކަށްވުރެ ފެހިކަން ގަދަވެފައި ފުރިހަމަކަމަށްވެއެވެ. މޮޅު ގުރީންޓީ އުފެއްދުމަށް، ސާފަތް، ގަހުން ކެނޑުމުގެ ކުރިން ހަފުތާއެއް ވަންދެން ޖަޕާނުގައި ސާފަތްގަސްތައް އަވިން ނިވާކުރެއެވެ. މި ކަމުގެ ސަބަބުން ސައިފަތުގައި، ކްލޮރޯފައިލް، ކެފެއިން، އަދި އެލް-ތީނީންގެ މިންވަރު އިތުރުވެގެން ދެއެވެ.

ޖަޕާނުގެ މަޝްހޫރު ގްރީން ޓީތަކުގެ ތެރޭގައި ސެންޗާ، ކުކިޗާ އަދި ގިޔޯކުރޯ ހިމެނެ އެވެ. އާންމު ގޮތެއްގައި ޗައިނީސް ގްރީންޓީތަކަކީ ޖަޕާނުގެ ގްރީން ޓީއަށްވުރެ ސާފަތް ރަހަ މަޑު އަދި މީރު ރަހައެއް އެކުލެވޭ، ހޫނު ފެނުގައި ކެއްކުމުން ނުވަތަ ގިރާލުމުން މަޑު ރަންކުލައެއް ގެނެސްދޭ ސައިފަތެކެވެ. ޗައިނާގެ މަޝްހޫރު ގްރީން ޓީތަކުގެ ތެރޭގައި ޑްރެގަން ވެލް، ގަންޕައުޑާ އަދި ޗުން މީ ހިމެނެ އެވެ.

ވައިޓް ޓީ (ހުދު ސައި)

ވައިޓް ޓީ އަކީ ވަރަށް ލިބުން ދަތި، އަދި އެންމެ ކުޑަކޮށް ޕްރޮސެސްކުރާ ސައިފަތުގެ ބާވެތެވެ. މިއީ ސައިފަތުގެ ބާވަތްތަކުން އަގުބޮޑު ބާވަތެކެވެ. ވައިޓް ޓީއަކީ ވަރަށް ފުރިހަމައަށް ސާފުކޮށް، ގަހުން ވަކިކުރެވޭ ފަތްތަކުން ވަކި ކޮލިޓީއެއްގެ ފަތްތައް ވަކިކުރެވި ޕޮރޮސެސް ކުރެވޭ މީރު ރަހައެއް ހުންނަ ބާވަތެކެވެ. ވައިޓް ޓީ އަކީ ކެފެއިން ވަރަށް މަދުން ހުންނަ އެއްޗެކެވެ.

ނަމަވެސް ސިލްވަ ޓިޕް ބުރޭންޑުގެ ބައެއް ބާވަތުގައި ތަންކޮޅެއް ގިނައިން ކެފެއިން ހިމެނެއެވެ. މަޝްހޫރު ވައިޓް ޓީތަކުގެ ތެރޭގައި ބަޝަން، ސިލްވަރ ޓިޕް އަދި ވައިޓް ޕިއޯނީ ހިމެނެއެވެ. ވައިޓް ޓީ އުފެއްދުމަށްޓަކައި، ސައިފަތްގަހުން ފަތް ވަކިކުރަނީ، ގަހުގެ ކުރީގެ އެންމެ ތޫރިފަތް ފޮޅުމުގެ ކުރިން ގަހާ ވަކިކޮށްގެންނެވެ. އާއްމުގޮތެއްގައި ވައިޓް ޓީ އުފައްދަނީ ޗައިނާގައެވެ. ޚާއްސަކޮށް ފުޖިއާން ޕްރޮވިންސްގައެވެ. އެ ޕްރޮވިންސަކީ މުއްސަނދި ތާރީޚެއް އޮތް ޕްރޮވިންސެކެވެ. އާއްމުކޮށްނޫން ނަމަވެސް، ނޭޕާލް، ޓައިވާން އަދި ސްރީލަންކާ ފަދަ ޤައުމުތަކުގައިވެސް ހާއްސަބުއިން ތައްޔާރުކުރުމަށް ވައިޓް ޓީ އުފައްދަ އެވެ.

ޕާޕަލް ޓީ (ދަނބު ސައި)

ޕާޕަލް ޓީ އަކީ ވަރަށްފަހުން ފެނުނު އާ ވައްތަރެއްގެ ސައިފަތެއްކަމުން، މި ވައްތަރުގެ ސާފަތް ލިބުން ވަރަށް ދައްޗެވެ. އަދި ގަންނަން ލިބެން ހުންނަނީވެސް ވަރަށްމަދު ޤައުމެއްގައި މަދު ސަރަހައްދުތަކެއްގައެވެ. މިވައްތަރުގެ ސައިފަތް ފެނިފައިވަނީ އިންޑިއާގެ އައްސާމް ސަރަހައްދުގައި ޖަންގަލީގެ ތެރެއިންނެވެ. މި ޖަންގަލީގައި މިވައްތަރުގެ ގަސް ހެނދުނު ނަމަވެސް، އެހެން ސަރަހައްދުތަކުން މިބާވަތުގެ ގަސް ފެންނަނީ ވަރަށް މަދުންނެވެ. އަދި ހެއްދުމަކީވެސް އުނދަގޫކަމެކެވެ. އެހެންކަމުން މިއީ އަގުބޮޑު ލިބުން ތަދު ބާވަތެއްގެ ސައިފަތެކެވެ.

އިންޑިޔާގެ އައްސާމުގެ އިތުރުން މިވައްތަރުގެ ސާފަތް ދެން އެންމެ ގިނައިން ހައްދަނީ، ޗައިނާގައެވެ. އަދި އިންޑިޔާގެ އައްސާމުން ފުރަތަމަ ފެނުނު މި ސައިފަތްގަސް  ކެންޔާއަށް ގެންގޮސް، ކެންޔާގެ ނަންޑީ ހިލްސްގައި ހުންނަ ތުމޯއީ ޓީ ގާޑަން ގައި ކެންޔާގެ ޓީ ރިސާޗް ފައުންޑޭޝަނުން ކުރި މަސައްކަތުން ކެންޔާގައި އެކަށޭނަ މިންވަރަކަށް މި ގަސް ހެއްދޭނެގޮތް ވިއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ޕަރޕަލް ޓީ އުފައްދަނީ ކެންޔާ އާއި އެފްރިކާގައެވެ. ޕާޕަލް ޓީ އާންމު ގޮތެއްގައި އުފައްދަނީ ގުރީންޓީ އާ އެއްފަދަ ގޮތަކަށެވެ.

ފަތްތައް ކޮށައި، މިލުވައި، އެއްކޮށް ހިކުމުގެ ކުރިން ވައި ބަންދުކޮށް މިލުވައެވެ. މި ސައިފަތުގެ ހާއްސަ ކަމަކީ، ޕާޕަލް ޓީ އިން މަޑު ޖަންބު ކުލައިގެ ބުއިމެއް އުފެއްދޭ ކަމެވެ.

މަތީގައި ބަޔާންވެ ދިޔައީ ސައިފަތުގެ ބައެއް ވައްތަރުތަކެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ކުލަ ކުލައިގެ ސައިތައް ހުރެ އެވެ. ސައިފަތުގެ ގިނަވައްތަރުތަކަކީ، އެއްގަހަކުން އެކި މަރުހަލާތަކުގެ ފަތްތައް އުފުރައިގެން ނުވަތަ އެކި މަރުހަލާތަކުގެ ފަތްތައް އުފުރުމައްފަހު އެ ޕްރޮސަސްކުރުމުގައި އެކި ބަދަލުގެނައުމުން އުފެއްދޭ ބާވަތްތަކެވެ. ނަމަވެސް އަނެއްބައި ސައިފަތަކީ، ސާފަތްގަހުގެ އާއިލާގެ ތަފާތު ގަސްތަކުން ނެގޭ ބާވަތްތަކުގެ ފަތްތަކެވެ. މީން ކޮންމެ ސައިފަތެއްގައިވެސް ހާއްސަރަހައެއް ނުވަތަ ކުލައެއް ނޫނީ ވަހެއް ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.