ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސްޕީޗް ތެރަފިސްޓެއް އެ ރަށަށް ގެނެސް އެ ޚިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ހިލޭ ދެއްކުމުގެ ފުރުޞަތުލިބޭ ޕްރޮގްރާމެއް ފެށުމަށް އެ ކުލަބުން ތައްޔާރުވެއްޖެއެވެ.
އެ ކުލަބުންވަނީ މީގެ މަހެއްހާ ދުވަސްކުރިން ސްޕީޗް ތެރަޕީ ބޭނުންވާ ފަރާތްތަކުގެ ނިސްބަތް ދެނެގަތުމުގެ ގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން ސާޅީހަށްވުރެ ގިނަފަރާތް ރަޖިސްޓަރީ ކުރި ނަމަވެސް އިތުރަށް އެ ފުރުޞަތަށް ގިނަބަޔަކު އެދެމުންދާތި އެ ކުލަބުން ވަނީ ދެވަނަ ފަހަރަށް ވެސް އެ ޕްރޮގްރާމްގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން ތިރީގައިވާ ލިންކްގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަބްމިޓް ކުރަމުން ގެންދިޔުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ.
https://forms.gle/L4kisUDduBW3SiY47
ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ފެށުމަށް އެ ކުލަބުން ތައްޔާރުވަމުން އަންނައިރު، މި ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ސްޕީޗް ތެރަޕިސްޓް އައިމިނަތު ސަމާހަތު ޝަރީފް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދިއްދޫ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް ސެޝަންތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިއްދޫ ސްކޫލުގެ ދަރިވަރުންނަށް ވެސް ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ
ތިލަދުން ނޫހާއި ވާހަކަ ދައްކަމުން މިޑްލް ސްޕޯޓްސް ކުލަބްގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ މި ޚިދުމަތް ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ފަރާތްތަކަށް ވީހާވެސް ލުއިކޮށް އެކަން ހަމަޖެހިގެން ދިޔުން ކަމަށާއި، އަދި އެކަމުގައި ކުރިއަށް ދާނޭ މަގެއް ކޮށައިދިނުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!