ހއ. ދިއްދޫ ކައުންސިލުގެ އިދާރާއިން އިސްނަގައިގެން އެ ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ ދިއްދޫގެ ކައުންސިލުގެ އިސްނެގުމާއިއެކު އެ ރަށުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ދިއްދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ގުޅިގެންނެވެ.

Ad
rt

25 ޑިސެމްބަރ 2021 ވީ ހޮނިހިރު ދުވަހު (މިއަދު) ގެ ހެނދުނު 06:00 ފެށިގެން ކުރިއަށް ގެންދިޔަ ސާފް ކުރުމުގެ މި ޕްރޮގްރާމްގެ ދަށުން ވަނީ އެ ރަށުގެ ހުޅަނގުފަރާތާއި ތާރު އެޅިމަގުތަކުގެ އިތުރުން އެ މަގުތަކުގެ ޕޭމަންޓްތައް ވެސް ސާފުކޮށްފައެވެ.

ގިނަ އަދަދެއްގެ މީހުންގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ މި ހަރަކާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކައުންސިލުން އިސްނަގައިގެން ހިންގާފައި މި ވަނީ 02 ޖަނަވަރީ 2022 ގައި ރާއްޖޭގެ އޮލިމްޕިކް ކޮމެޓީން، އޮލިމްޕިކް ދަންމަރާއި ގުޅޭގޮތުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުންކަމަށެވެ.

ދިއްދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތައް ބައިވެރިވާ، ދަންމަރު ހިފައިގެން އެ ރަށުގެ މަގުތަކުގައި ދުވުމުގެ ހަރަކާތެއް ދިއްދޫގައި 02 ޖަނަވަރީ ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ ހިމެނޭހެން ހަތްދިހައަށްވުރެ ގިނަ ގައުމު ތަކުގައި ދަންމަރު ހިފައިގެން ދުވުމުގެ ހަރަކާތެއް އެ ދުވަހުގެ އެއްވަގުތެއްގައި ކުރިއަށް ދާނެއެވެ.

ރަށުތެރެ ސާފުކުރުމުގެ ހަރަކާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި ދިއްދޫގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ދެއްވި އެއްބާރުލުމަށް އަބްދުﷲ ވަނީ ދިއްދޫ ކައުންސިލްގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.