އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިންގެ ދަށުން ގޮވާލަމުން ދަނީ "އިންޑިއާ އައުޓް" ނޫންކަމަށާއި، ގޮވާލަމުން ދަނީ "އިންޑިއާ މިލިޓަރީ އައުޓްވާން" ކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

އިދިކޮޅުން އިސްވެ ހިންގާ މި ކެމްޕޭންގެ ދަށުން ރައީސް ޔާމީން މިހާރު އަތޮޅުތަކަށް ދަތުރު ފައްޓަވާފައިވާއިރު މިއަދު އެ މަނިކުފާނު ވަނީ ފ. ނިލަންދޫއަށް ވަޑައިގެން މި ކެމްޕެއިން ހަރަކާތްތައް އެރަށުގައި ހިންގަވާފައެވެ.

Ad
rt

މިގޮތުން އެރަށުގައި ބޭއްވި ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމަކުން ރަނގަޅުކަންތައްތަކެއް ނުވާނެ ކަމަށާއި، ރަނގަޅުކަންތައް ވާނެކަމަށްވާނަމަ އެކަންތައްތަކުގެ ވާހަކަ ބުނެދޭންކެރޭނެ ކަމަށެވެ.

ގޮތް ނޭނގޭ އެތައް އެއްބަސްވުންތަކެއް އިންޑިއާއިއެކު މި ސަރުކާރުން ހަދާފައިވާ ކަމަށާއި، އޭގައި ހުރި ހުރިހާ ވާހަކައެއް ނޭނގުނު ނަމަވެސް ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލަތައް އޭގައި އެބަހުރިކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިންގެ މާނަ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އޮޅުވާލައި، އެހެން ނުގޮވޭނެ ކަމަށް ބުނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާގައި ވެސް ރާއްޖޭގެ މިލިޓަރީ އޮތްކަމަށް ބުނެ އެ ޤައުމުގައި ތަމްރީންހަދަން ގޮސް ތިބި ދިވެހި ސިފައިންނަށް ނިސްބަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"އޮޅުވާލުމަށްޓަކާ މިބުނާ ވާހަކައަކީ އިންޑިއާ އައުޓެކޭ ނުބުނެވޭނޭ، އިންޑިއާ އައުޓެއް ނޫނޭ ވާންވީ، އިންޑިއާ މިލިޓަރީ އައުޓްވާންވީ، އަޅުގަނޑުމެން ވަރަށް ސާފުކޮށް އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް މި ދައްކަނީ އިންޑިއާ އައުޓްގެ މާނައަކީ އިންޑިއާގެ އަސްކަރިއްޔާ، އިންޑިއާގެ ސިފައިން މިތާ ނުތިބޭށޭ، އިންޑިއާ ސިފައިން ބޭރުކުރާށޭ، އިންޑިއާ ސިފައިން ބޭރުވާން އެބަޖެހޭ، މި މީހުންނަށް އެކަން ކުރެވެން ނެތްކަމަށްވަންޏާ ދުރަށްދާށޭ، އޭރުން އަޅުގަނޑުމެން އިންޑިއާ ސިފައިން ބޭރުކުރާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ އިންޑިއާ ސިފައިން ބޭރުކުރަން ކަމަށެވެ. އަދި މި ވެރިކަމުގައި ޝާމިލްވާ ހުރިހާ ސިޔާސީ ލީޑަރުންނަށް ވެސް ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ އޮތްކަން އިނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.