ކޮވިޑް19 ގެ އައު ވޭރިއަންޓްކަމުގައިވާ އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުން ނިދާފައި އޮންނަ އިރު އާދަޔާ ޚިލާފަށް ދާހިތްލާކަމަށް މި ވޭރިއަންޓް ދިރަސާ ކުރަމުން އަންނަ ސައުތު އެފްރިކާގެ ޑޮކްޓަރެއް ހާމަކޮށްފިއެވެ.
އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންނަށް ދިމާވަމުން އަންނަ ކަންތައްތަކާއި ބެހޭ ގޮތުން ޓީވީ ޕްރޮގްރާމްއެއްގައި ސައުތު އެފްރިކާގެ ޑރ. އާމިރް ޚާން ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް 19ގެ އެހެން ވޭރިއަންޓްތަކާއި ޚިލާފަށް އޮމިކްރޯން ޖެހޭ މީހުންނަށް ނިދާފައި އޮންނަ ވަގުތުގައި އާދަޔާ ޚިލާފަށް ދާހިތްލާކަމަށް ރެކޯޑުތަކުން ދައްކާކަމަށް ވިދާޅުވިއެވެ.
އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ދެނެގަނެވުނު ސައުތު އެފްރިކާގެ ޑޮކްޓަރެއްކަމަށްވާ ޑރ އާމިރް ޚާން ހާމަކޮށްފައިވާ ގޮތުގައި، ފިނި ކޮޓަރިއެއްގައި ބަލި މީހާ އޮންނަ އިރުވެސް ދާހިތްލައިގެން ގޮސް ލައިގެން އޮންނަ ހެދުންވެސް އެއްކޮށް ތެމި ފޯވާކަމަށް ޑރ. ވަނީ ވިދާޅުވެފައެވެ.
ކޮރޯނާ ވައިރަސް ޖެހެ މީހުންގެ ގައިން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ގަދައަށް ހުން އައުމާއި، ވަސް ނުދުވުމާއި ރަހަ ނުލުމެވެ. މީގެ އިތުރުން އޮމިކްރޯން ވޭރިއަންޓްގެ ބަލި މީހުންގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހިކި ކެއްސުން، ހުން އައުން އަދި ގައިގައި ރިއްސުން ހިމެނެއެވެ.
ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ބޮޑުވަރު ނުވި ނަމަވެސް މިހާތަނަށް ކުރެވިފައިވާ ތަޙުލީލްތައް ދައްކާ ގޮތުންނަމަ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށްވެސް އޮމިކްރޯން ވޭރިއަންޓް ޖެހޭކަމަށް ޑޮކްޓަރު ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!