އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބިލެތްފަހީގައި ފަށައިފި

Saafu bileiyfahi

ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބިލެތްފަހި ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މިގޮތުން މިހާރު ބިލެތްފަހީގައި ފަށާފައިވާ "ސާފު ބިލެތްފަހި" ކެމްޕެއިންގެ ދަށުން އެ ކައުންސިލުން ވަނީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމަށް "ޕްލާސްޓިކް ނޫންގޮތެއް" މި ޝިއާރުގެދަށުން ހަރަކާތެއް ފަށާފައެވެ.

ބިލެތްފަހި ކައުންސިލުން ވިދާޅުވީ އެރަށުގެ މުއައްސަސާތަކުގަައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމަކީ އެ ކައުންސިލްގެ އަމާޒެއް ކަމަށެވެ.

ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދު "ތިލަދުން"އަށް ވިދާޅުވީ، "ސާފު ބިލެތްފަހި" ކެމްޕެއިންގެ ދަށުން އެ ކައުންސިލުން ހިންގާ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމަށް ހަރަކާތުގެ ތެރެއިން ރަށުގައި ހުރި ދާއިމީ ހުރިހާ މުއައްސަސާއެއްގެ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު ބިއްލޫރި ފުޅި ހަދިޔާކޮށްފައިވާނޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ އޮފީސް މާހައުލުގައި މުވައްޒަފުންގެ މޭޒުމަތީ ޕްލާސްޓިކް ފުޅި ހުންނަތަން، އަޅުގަނޑުމެން މިފެށި މަސައްކަތަކީ އެ ޕްލާސްޓިކް ފުޅީގެ ބަދަލުގައި އެތަނުގައި ބިއްލޫރި ފުޅިއެއް އިންނާނެ ގޮތް ހެދުން، އިރާދަ ކުރެއްވިއްޔާ ދެން މިރަށުގެ މުއައްސަސާތަކުގެ މޭޒުތަކުގެ މަތީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ނުހުންނާނެ" ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ ނިޔަލަށް ކައުންސިލްގެ މުވައްޒަފުންނަށާއި، ރަށު ކޯޓާއި، ފެނަކައާއި، ސިއްހީ މަރުކަޒާއި އަދި ސްކޫލްގެ މުވައްޒަފުންނަށް ވެސް މިހާރު ބިއްލޫރި ފުޅި ހަދިޔާކޮށްފައިވާނެ ކަމަށެވެ. އަދި މިއަދު އެރަށުގައި ތިބޭ އެސްޓީއޯއާއި، އެމްޓީސީސީގެ މުވައްޒަފުންނަށް ވެސް ބިއްލޫރި ފުޅި ހަދިޔާ ކުރަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލެތްފަހި ރައީސް ޒިޔާދު ވިދާޅުވިގޮތުގައި ކައުންސިލްގެ ވިސްނުމަކީ ކުރިމަގުގައި ބިއްލޫރި ފުޅީގައި ބަންދުކުރި ފެން ރަށުގެ މުއައްސަސާތަކަށް ލިބޭނޭގޮތެއް ހޯދުން ކަމަށެވެ. އަދި އެ ކައުންސިލުން ފަށާފައިވާ މި ކެމްޕެއިން މުޅި ރަށަށް ފުޅާކުރުމަކީ ވެސް ކައުންސިލްގެ ވިސްނުމެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބިލެތްފަހި ކައުންސިލުން މަސައްކަތް ފެށިއިރު، ސިންގަލްޔޫސް ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން އަންނަނީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައިގެން ސިޔާސަތުތައް އެކަށަހަޅުއްވައި މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި