މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދުގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް މަޖިލީހުގައި މިއަދު ގެނެސްފި އެވެ.

މެންބަރު ޙުސައިން ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރު އަވަހާރަވެފައެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ. އޭގެކުރިން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ވެސް ވަނީ ދަރުވާ ހޯއްދަވާފައެވެ.

Ad
rt

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 4 މެންބަރަކު ވަކިކިރަން މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލިސް އެއްވެފައެވެ.

މި ޖަލްސާ ކުރިއަށް ގެންދަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ހުސައިންގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އޭނާ ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރައްވާފަ އެވެ. އަދި ހުސައިންގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން ދެއްވުމަށް އެދި ރައީސް ނަޝީދު ވަނީ ދުއާ ދަންނަވާފަ އެވެ.

މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި

ށ. ފޯކައިދޫއަށް ނިސްބަތްވެވަޑައިގަންނަވާ ހުސެން އަވަހާރަވި އިރު އުމުރުފުޅަކީ 53 އަހަރެވެ. އޭނާގެ އަނބިކަނބަލަކާއި، ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ވޭތުވެދިޔަ އަހަރެއްހާދުވަހު ޙުސައިން އުޅުއްވީ އާލާސްކަންފުޅާ އެވެ. މިދިޔަ އަހަރުގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ބޭރު ގައުމެއްގައި ބޭސްފަރުވާއަށެވެ. އެގޮތުން ހުސައިން ވަނީ ދުބާއީގައި އަހަރު ދުވަސް ފަރުވާގައި ހޭދަ ކުރައްވާފައެވެ.

ހުސައިން އަކީ ވަރަށް ޚިދުމަތްތެރި، ދީލަތި ބޭފުޅެކެވެ.

އަވަހާރަވިއިރު އޭނާ ފުރުއްވަމުން ގެންދެވި (28 މެއި 2019 އިން 14 ޑިސެމްބަރު 2021)، 19 ވަނަ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ އިތުރުން އޭނާ ވަނީ، 17 ވަނަ މަޖިލީހުގައި (28 މެއި 2009 އިން 27 މެއި 2014) އަށް އެދާއިރާ މެންބަރުކަން ވެސް ކުރަށްވާފައެވެ.