ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އާންމު ރައްޔިތުން އެ އިދާރާއަށް ގޮސްގެން ހޯދާ ޚިދުމަތްތައް ފޯރުކޮށްދިނުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މި ނިންމުން ނިންމަންޖެހުނީ، ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ އިދާރާގެ މުވައްޒަފުންގެ ތެރޭގައި ބަލިއޮތް މިންވަރު ދެނެގަތުމަށް ބޭނުންވާތީ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

Ad
rt

ކައުންސިލް އިދާރާއަށް މިވަގުތު މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާތީ އާއި ރަށުތެރެއަށް ކޯވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން އާއްމުން ކައުންސިލް އިދާރާއަށް ދުރުވެ، ހޯއްދަވާ ޚިދުމަތްތައް މިއަދުންފެށިގެން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް އިމާޖެންސީކޮށް ހޯއްދަވަންޖެހޭ ޚިދުމަތްތައް ހޯއްދެވުމުގެ އިންތިޒާމް އެކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ.

މިގޮތުން އިމާޖެންސީކޮށް މިފަދަ ޚިދުމަތެއް ހޯއްދަވަން ބޭނުންވާނަމަ އެކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަޙްމަދު އިބްރާޙީމް ނުވަތަ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަޒުރާ އަޙްމަދަށް ގުޅުއްވުމަށް އެކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް "ތިލަދުން"އަށް ވިދާޅުވީ، ކައުންސިލް އިދާރާގެ މުވައްޒަފުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު، ހާލަތު ވަޒަން ކުރެވުމުން އަލުން ޚިދުމަތްތައް ފެށުމާމެދު ގޮތެއް ނިންމަވާނެކަމަށެވެ. ނައިބު ރައީސް ކަރީމް ވެސް މިވަގުތު ހުންނެވީ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން ކަރަންޓީނުގައެވެ.

ނޮޅިވަރަންފަރުގައި މިވަގުތު ޕޮޒިޓިވް ތިން މީހަކު އެބަތިއްބެވެ. އެ ތިން މީހުންވެސް ނިސްބަތްވަނީ އެއް ގެއަކަށެވެ.