ށ. ފުނަދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން "އުފަލުން" ނަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ.
މި ހަރަކާތުގެ ދަށުން ބޭނުން ނުކުރާ އަންނައުނު، އެ ކޮމެޓީ މެދުވެރިކޮށް އެހީއަށް ބޭނުންވާ ފަަރާތްތަކަށް ހަދިޔާކުރެވޭނެ އިންތިޒާމު ފަހިކޮށްދޭނެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރަކާތަކީ އެދުވަސްވަރެއްގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މިހަރަކާތުގެ ތެރެއިން ބޭނުން ނުކޮށް ހުންނަ އަންނައުނު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޓީގެ ނަންބަރ 9661886 އަށް ގުޅުއްވާ ނަން ނޯޓް ކުރެއްވުމުން އެގެއަކަށް ގޮސް އަންނައުނާއި ހަވާލު ވާނެ ކަމަށް އެ ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ. އަދި އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަދިޔާ ކުރުމުގެ ކުރިން އަންނައުނުގެ ފެންވަރު ބަލާ ޗެކު ކުރާނެ ކަމަށްވެސް އެ ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ.
"އުފަލުން" ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމް އިން ފުރަތަމަ ލިބޭ އަންނައުނުތައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގެ "އަމާން ވެށީ" ގެ ކުދީންނަށެވެ. އަދި އެކުދިން އެތަނަށް ބަދަލުކުރެވުނު ފަހުން 1 އަހަރު ވުމުގެ މުނާސަބަތުގައި އަންނައުނު ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކޮމިޓީއިން ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތަކެއް ރޭވިފައިވާ ކަމަށް އެ ކޮމެޓީން ވަނީ ވިދާޅުވެފައއެވެ. އަދި އެ ކޮމިޓީއިން ވަނީ މި ހަރަކާތުގައި ރަށުގެ ކައުންސިލުންނާއި ރައްޔިތުން ވެދެއްވާ އެހީތެރިކަން ފާހަގަ ކޮށް އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މިފަހަރުގެ ހަރަކާތަށް އަންނައުނު ހަދިޔާކުރުމުގެ އެންމެފަހުގެ ތާރީޚަކީ މިމަހުގެ 20 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!