ކުޅުދުއްފުށި ސިޓީގައި އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އެސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އާތިފް މިހެން ވިދާޅުވެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން އެ ސިޓީގެ މަސްވެރިންނަށް ހާއްސަކޮށް ރޭ ބޭއްވި ޖާފަތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާތިފް ވިދާޅުވި ގޮތުގައި އެ އައިސްޕްލާންޓް ގާއިމުކުރުމަށް ނިންމާފައި ވަނީ ފެނަކަ ކޯޕޮރޭޝަން އާއި ސިޓީ ކައުންސިލް ގުޅިގެންނެވެ. މިގޮތުން އެ ސިޓީގައި އަންނަ އަހަރު 100 ޓަނުގެ ސްޓޯރޭޖަކާއި އެކު 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އަދި މި އައިސްޕްލާންޓްގެ އަމަލީ މަސައްކަތް މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ވަނީ ކުޅުދުއްފުށި ސިޓީގެ މަސްވެރިންގެ ޝަރަފްގައި ޚާއްސަ ޖާފަތެއް ބާއްވާފައި.@TeamFenaka @HdhAtollCouncil pic.twitter.com/LCERxSQ0eG
— Kulhudhuffushi City Council (@kfcitycouncil) December 10, 2021
މި އައިސްޕްލާންޓް އަކީ އުތުރުގެ ރަށެއްގައި ގާއިމް ވެގެންދާނެ އެންމެ ރަނގަޅު އައިސް ޕްލާންޓް ވެގެންދާނެ ކަމަށް ފާހަގަ ކުރައްވަމުން މޭރުވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދެއްވާ އެއްބާރުލުމާއި، އެހީތެރިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ ޔާސިރު އަބްދުލް ލަތީފް އަށާއި ފެނަކަ ކޯޕޮރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަސްވެރިންނަށް ހާއްސަކޮށް ރޭ ޖާފަތް ބޭއްވުމަށް ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ދެއްވި އެހީތެރިކަން ވެސް ފާހަގަކުރަށްވައި، ޝުކުރު އަދާކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!