ކޯވިޑްގެ ދެވަނަ ރާޅަށްފަހު އިންޑިއާއަށް ޑެންގޫގެ ރާޅެއް

Dangu-India

ކޯވިޑް-19ގެ ދެވަނަ ރާޅަށްފަހު މުޅި އިންޑިއާއަށް ޑެންގޫ ހުމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަމަށް އެގައުމުގެ ފެޑެރަލް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އެ ގައުމުގެ ފެޑެރަލް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑެންގޫ ހުން ޖައްސާ ނުރައްކާތެރި އެއިޑެސް މަދިރި އާލާވެ، އިންޑިއާގެ ވެރިރަށް ދިއްލީއާއި އެކު އިތުރު 15 ސްޓޭޓެއްގައި ޑެންޑޫ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރުމަހުގެ ނިޔަލަށް އެ މިނިސްޓްރީއިން ހަދާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ގާތްގަނޑަކަށް 100،000 މީހުންނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރެވިފައިވާއިރު، މިހާތަނަށް 90 މީހަކު މަރުވެފައިވާކަމަށް ދައްކައެވެ.

ޑެންގޫ ހުން އެންމެ ގަދައަށް ޖެހެމުން އަންނަކަމަށް ބެލެވޭ 2 ސްޓޭޓަކަށް ފެޑެރަލް ހެލްތް މިނިސްޓްރީގެ ޓީމްތައް ގޮސް ހޮސްޕިޓަލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އެމިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. އަދި ބައެއް ހޮސްޕިޓަލުތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ އެނދު ނުލިބި މީހުންނަށް ފަރުވާދިނުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑް ބަލިމީހުންނާއި ޑެންގޫ ހުން ޖެހޭ މީހުންނަށް ދިމާވަނީ އެއްކަހަލަ އަލާމާތްތަކަކަށްވުމާއި އެކު ދެ ބަލީގެ މީހުން ދެނެގަތުމުގައިވެސް ދަތިތައް ދަނީ ކުރިމަތިވަމުންކަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު އެއް އަހަރުން އަނެއް އަހަރު ޑެންގޫ ހުން ޖެހޭ މީހުންގެ އަދަދު އެ ގައުމުގައި އިތުރުވަމުން އަންނަކަމަށާއި، ނަމަވެސް ފާއިތުވި 2020 ވަނަ އަހަރު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރެވިފައިވާ މީހުންގެ އަދަދު އުޅެނީ 45،000 އަށް ވުރެ ދަށުގައިކަން އެމިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި