ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެންހުރި ކަންތައްތައް، ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތު ކަންނެލި ދޯނި ފަހަރުގައި ކުރިއަށް ދަނިކޮށް އެތަނަށް ވަޑައިގެން ބޮޑުކަންނެލި މަސްވެރިންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ދެއްކެވި ވާހަގަފުޅުގައެވެ.

Ad
rt

މި ޖަލްސާގައި ބީކޭއެމްޔޫ އުފެއްދުމުގައި އިސްސަފުގައި މަސައްކަތް ކުރެއްވި، މައުރޫފް ޒާހިރު (މާއްޓޭ) ވަނީ ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި ދިނުމަށާއި، މިފްކޯއިން ކަންނެލި ގަނެ އެކްސްޕޯޓް ކުރެވޭނެ ގޮތް ހޯދައިދިނުމަށާއި، މާލޭގެ ބަނދަރުން ޖާގަ ނުލިބުމުގެ މައްސަލައާއި، އިތުރު ބޭރުގެ މާކެޓްތައް ހޯދުމަށާއި އަދި ޑިއުޓީއާއި ނުލާ ކަންނެލި ބޭރުކުރެވޭނެ ގޮތް ހަދައިދިނުންފަދަ ހުށަހެޅުންތައް މަޢުރޫފް ވަނީ ހުށަހަޅުއްވާފައެވެ.

މަޢުރޫފްގެ އަޑު އެއްސެވުމަށްފަހު ވާހަކަފުޅު ފައްޓަވަމުން ރައީސް ޞާލިޙް ވަނީ ރާއްޖޭގެ މަސްވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ. އަދި މިއަދަކީ ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިން، ކަންނެލި މަސްވެރިކަމުގައި ދިމާވާ ކަންކަން ހައްލުކޮށް، އެކުގައި މަސައްކަތްކުރުމަށް ޔޫނިއަނެއް އުފެއްދިތާ އެއް އަހަރު ފުރޭ ދުވަސްކަން ފާހަަގަކުރަށްވައި، އެ ޔޫނިއަން އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށާއި، އެޔޫނިއަންގައި ބައިވެރިވާ ހުރިހާ ކަންނެލި މަސްވެރިންނަށް މިއަދުގެ ހެޔޮ އެދުންތައް ރައީސް ވަނީ ފޮނުއްވާފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސް ހޭދަވެގެން ދިޔައީ އާލަމީ ބޮޑު ބަލިމަޑުކަމެއްގައި ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓުމަކަށް ދިޔަ ވަގުތު ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓި ބަޔަކީ މަސްވެރިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެތެރޭގައި ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅުނު މަސްވެރިން ހާއްސަގޮތެއްގައި ފާހަގަކުރަށްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިން އެ ދުވަހު އެ މަސައްކަތް ނުކުރިނަމަ ރާއްޖެ ބަނޑަށްޖެހި، ދުވަހަކުވެސް ނުދެކޭފަދަ ބަލިމަޑުކަމެއްގެ ތެރެއަށް ރާއްޖެ ދިޔައީސް ކަމަށެވެ. އެހެންނަމަވެސް މަސްވެރިން ނުކުމެ ކުރި މަސައްކަތުން ރާއްޖެއަށް ހިންދެމިލުމުގެ ފުރުސަތު އެދުވަހު ލިބިގެންދިޔަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މައުރޫފް ދެންމެ ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވައިފި މިއަދު ތިޔަބޭފުޅުންނަށް ކުރިމަތިވެފައިހުރި ކަންތައްތަކުގެ ވާހަކަ، ސަރުކާރުން މިއަދު މިތަނަށް އައިސް މިތިބީ ގާތުން ތިޔަބޭފުޅުން ދައްކާ ވާހަކަ އަޑުއަހަން، އެއަށްފަހުގައި މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެންހުރި ކަންތައްތަކާއި އިރާދަކުރެއްވިއްޔާ ތަރުތީބެއްގެ ތެރެއިން އަޅުގަނޑުމެން ކުރަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ބޮޑުކަންނެލީގެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އައިސްފައި ވަނީ އާންމު ވިޔަފާރިން، އެ ވިޔަފާރުވެރިންގެ އިސްނެގުމާއެކުގައި ކަމަށެވެ. އަދި އެ މަސައްކަތް ފެށިގެން އައީވެސް އާންމު ވިޔަފާރިވެރިންގެ އިސްނެގުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް ސަރުކާރުން ގެންގުޅެމުންއައި ސިޔާސަތަކީ އާންމު ވިޔަފާރި، ޕްރައިވެޓް ސެކްޓަރއަށް ބޮޑުކަންނެލި މަސްވެރިކަން ދޫކޮށްލާ، ސަރުކާރުން ވީވަރަކުން މިކަން ކުރިއެރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔައީ، އެހެންނަމަވެސް މިއަދު އެއް ހުށަހެޅުމަަކަށް މިއައީ މިފްކޯއަށް ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް، އޭގެ އެއްސަބަބެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ ހަމަ އަގު ބޮޑުކަންނެއްޔަށް ނުލިބުމުގެ މައްސަލަ، މިކަން ހައްލުކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރެވެން ހުރި ކަންތައްތައް ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ވެރިކަކަމާ ހަވާލުވިއިރު، ބޭރުގެ ޤައުމުތަކަށް މަސް ބޭރުކުރުމުގައި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރަށްވާފައެވެ. މިގޮތުން ޔޫރަޕްގެ ޤައުމުތަކަށް މަސްބޭރުކުރުމުގައި 24 އިންސައްތައިގެ ޑިއުޓީއެއް ދައްކަންޖެހުމުގެ މައްސަލަ ކުރިމަތިވިކަމަށާއި، އެކަން ހައްލުކުރުމަށް ކުރެވުނު މަަސައްކަތުން ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑިއުޓީއާއި ނުލާ މަސް ވިއްކޭނެ ބައެއް ޤައުމުތައް އެބަހުރިކަމަށާއި، އެ ޤައުމުތަކުން މާކެޓް ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިން ހުށަހެޅިކަންކަން މި ސަރުކާރުން އަޑުއައްސަވައި، ހައްލު ހޯދުމަށް މިހާރުން މިހާރަށް ކުރެވެން ހުރިކަންކަން ކުރަށްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.