މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ވައިކަރަދޫގައި އެކި އުމުރުފުރާ ތަކަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިގޮތުން އެރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މަސްރޭހެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން މަސްވެރި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ބާބެކިއު އެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

Ad
rt

މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނީ އެންމެ ފުރަތަމަ ފޯމް ހުށައަޅާ 10 ޓީމަކަށެވެ. މަސް ރޭހުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 9 ވަނަ ދުވަހުގެ 22:00 އަށް ހަމަވާނެއެވެ. އެ ކައުންސިލުން ވަނީ މި މަސް ރޭހުގައި ބައިވެރިވާން ބޭނުން ވާ ފަރާތްތަކުން ފޯމް ފުރުއްވުމަށް ފަހު ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

މި މަސްރޭހުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ދާ ޓީމަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ މޮޅު 3 ކެޔޮޅަށް ވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ މަސްވެރި ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 އިން 17:00 ހަމައަށް ބެލެނިވެރިއެއް މެދުވެރި ވެގެންނެވެ. މި ހަވީރުގައި ބައިވެރިވުމަށް ނަންނޯޓް ކުރުން ބަނދަރު ސަރަހައްދު ޑެސްކުގައި ކުރިއަށް ދާނެއެވެ.

މަސްރޭސް މިމަހުގެ 10 ވަނަ ދުވަހުގެ 14:30 އިން ފެށިގެން އެރޭ 20:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:00 އިން 17:30 އާ ހަމައަށެވެ. މި ހަރަކާތްތަކުން ވަނަ ތަކަށް ދާ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ އެރޭ ކަމަށް ކައުންސިލުން ވަނީ ހާމަކުރަށްވާފައެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެކި ރަށްރަށުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރު ވަމުންނެވެ.