ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ.

މިއީ ކެލާ ޕޮލިސް ސްޓޭޝަނާއި އެ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އޮކްޓޯބަރ 25 އިން ނޮވެމްބަރ 28 އަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމުގައި އެ ސްކޫލްގެ 99 ދަރިވަރުން ބައިވެރިވެ 95 ދަރިވަރުން ފަތަން ދަސްކޮށްފައިވެއެވެ.

Ad
rt

މި ޕްރޮގްރާމް ނިންމާލުމަށް ޝައިޚް އިބްރާހީމް ސްކޫލްގައި ވަނީ ރަސްމިއްޔާތެއްބާވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މި މަހު 3 ވަނަ ދުވަހުގެ ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުޢީނެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަތޮޅު ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި، ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ސްކޫލާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޮންމެ ދަރިވަރަކުވެސް ކްލާހުގައި މުދައްރިސުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.

އެ ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ދެއްކެވި ވާހަކަފުޅުގައި، އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައިލެވުނީ ކެލާ ޕޮލިސް ސްޓޭޝަންގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިގެންކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ސްވިމިންގ އިންސްޓްރަކްޓަރުންނަށް ޝުކުރުއަދާކުރެއްވިއެވެ.

އެ ޕްރޮގްރާމްގައި ސްވިމިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ދިއްދޫ ޕޮލިސް ސްޓޭޝަންގެ ސްވިމިންގ އިންސްޓްރަކްޓަރ ސީނިއަރ ސަރޖަންޓް މޫސާ ރަޝީދާއި ސީނިއަރ ސަރޖަންޓް އަހުމަދު ޝަފީގެވެ.