ށ. ފީވަކުގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.

މިއަދު ފީވަކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދު ޝަހީމް އަބްދުލް ހަކީމާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު އަދި ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަނެވެ.

Ad
rt

ފީވަކު ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާއިރު ފެނުގެ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މިމަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 9.18 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 49.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.