ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ އެތުލެޓިކް ބިލްބާއޯއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ބިލްބާއޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. މިއީ ބެންޒެމާ މި އަހަރުގެ ތެރޭގައި ކުޅުނ 46 މެޗުގައި އޭނާ ކާމިޔާބުކުރި 35 ވަނަ ލަނޑެވެ. މި ސީޒަންގައި އޭނާ ވަނީ ލީގުގައި މިހާތަނަށް 12 ލަނޑުޖަހާފައެވެ.
މެޗުގައި ބިލްބާއޯއިން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ފަހި ކޮށްފައެވެ. މިގޮތުން އެ ޓީމްގެ ވިލިއަމްސްއާއި ރައުލް ގާސިއާއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެ.
މި ނަތީޖާއާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ 14 މެޗުން 29 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑެވެ. މެޗުން ބަލިވި ބިލްބާއޯ މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 15 މެޗުން 20 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!